
ޝަހީދުންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9,000 ރުފިޔާގެ އިނާޔަތެއް ދެނީ
ނޮވެމްބަރު 3، 1988 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާގެ ކޮންމެ މެމްބަރަކަށް މަހަކު 9,000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ 03 ނޮވެންބަރ 1988 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތަކާއި، އަދި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ނިންމަވާ، އެކަން ކުރާނެގޮތް ބަޔާންކޮށް ދިފާޢީ ވުޒާރާއިން މިއަދު އާއްމުކުރެއްވި އުސޫލުގައެވެ.
މި އުސޫލުގައިވާ ގޮތުން، މި އިނާޔަތް ލިބޭނީ ޝަހީދުންގެ މައިންބަފައިން، އުފަންދަރިން އަދި އަނބިންނަށެވެ. މީގެ އިތުރުން، އެ މިނިސްޓްރީން ބުނީ އެ ހަނގުރާމައިގައި ހިތްވަރުގަދަކަން ދެއްކި ފަރާތްތަކަށްވެސް އިނާޔަތްތަކެއް ކަނޑައަޅުއްވާފައި ކަމަށެވެ.
އެގޮތުން:
- ހުރަވީ ރަން މެޑަލް ލިބުނު ފަރާތްތަކަށް މަހަކު 8,000 ރުފިޔާ
- ހިތްވަރުގަދަކަމުގެ ކުލަ ލިބުނު ފަރާތްތަކަށް މަހަކު 6,000 ރުފިޔާ
ޑިފެންސް މިނިސްޓްރީން ބުނީ މި އިނާޔަތްތައް ދޭނީ އެ ފަރާތްތައް ދުނިޔޭގައި ތިބިހާ ހިނދަކު ކަމަށާއި، އުސޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ނޮވެންބަރު ތިނެއްގެ އުދުވާނީ ޙަމަލާގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް އާދަޔާ ޚިލާފު ހިތްވަރު ދައްކުވައިދިން ޤައުމީ ބަތަލުން އެކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރުމަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ޤައުމީ ލޯތްބާއި ދިވެހި ޤައުމިއްޔަތު ދިރުވާއާލާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއްދެއްވާ ކަމެއް ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.
ރިއެކްޝަންސް






