
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރައްވައިފި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ސ. ހިތަދޫ، ބާޒީގެ ހުސައިން ޝަހީދު އައްޔަން ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު އޮތް ޖަލްސާގައި ޝަހީދު އެ މަގާމަށް އައްޔަނު ކުރުމަށް ރުހުން ދިނުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ އެ މަގާމަށް އައްޔަނު ކުރައްވާފައެވެ.
މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޝަހީދަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޤާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ޝަހީދާ ހަވާލުކުރައްވާފައެވެ.
ޝަހީދަކީ ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ވެސް ހާސިލުކުރައްވާފައިވެއެވެ.
ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވަނީ އެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީ އިން ދެވަނަ ފަހަރަށް ހުޅުވާލުމުންނެވެ. ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހޯދުމަށް އިއުލާނުކޮށްފައިވަނީ އޭސީސީން ބަލަމުން ދިޔަ މައްސަލަތަކަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމަށް އެ ކޮމިޝަނުން ނިންމުމާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރިއެކްޝަންސް






