
ޗެތުރީގެ ގޯލަކާއި އެކު އިންޑިއާ އިން ރާއްޖެ ބަލިކޮށްފި
ރާއްޖެ ބަލިވީ 0-3 ގެ ނަތީޖާއަކުން
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި އިންޑިއާއިން ރާއްޖެ 3-0 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.
އިންޑިއާގެ ޝިލޮންގުގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމްގައި މިއަދު ކުޅުނު މި މެޗަކީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ކުޅުނު ތައްޔާރީ މެޗެކެވެ.
މެޗުގެ ފުރަތަމަ ލަނޑު އިންޑިއާއިން ޖެހީ 35 ވަނަ މިނިޓްގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ރާހުލްގެ އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ ހަފުހާފުގައި އަދި މެޗުގެ 66 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ލިސްޓަން އެވެ.
އިންޑިއާގެ ޓީމުން މި މެޗުގައި ކާމިޔާބު ކުރި އެންމެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ރިޓަޔަރ ކުރުމަށްފަހު އަލުން އެނބުރި ގައުމީ ޓީމާ ގުޅުނު އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއެވެ. މެޗުގެ 76 ވަނަ މިނިޓްގައި ޗެތުރީ ޖެހި މި ލަނޑަކީ އޭނާގެ 95 ވަނަ ބައިނަލްއަގްވާމީ ލަނޑެވެ. އަދި ރާއްޖެއާ ދެކޮޅަށް ޖެހި 8 ވަނަ ލަނޑެވެ.
މި މެޗުގައި އިންޑިއާއިން ގިނަ ވަގުތު ރާއްޖޭގެ އޭރިއާ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ، ރާއްޖެއަށް ޕްރެޝަރކޮށް ރާއްޖޭގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލިއެވެ. މިހަމަލާތައް ހުއްޓުވީ މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފެވެ.
އިންޑިއާ އަށާއި ރާއްޖެއަށް ދެން އޮތީ އަންނަ ހަފްތާ އަންގާރަ ދުވަހު އޭޝިއަން ކަޕް ކޮލިފައިން މެޗުތަކެވެ. އެދުވަހު ރާއްޖެ ފިލިޕީންސާއި ދެކޮޅަށް ކުޅޭއިރު އިންޑިއާ ކުޅޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
ރިއެކްޝަންސް






