
ފަހު ދިހައެއްގައި މަސައްކަތު ނުކުންނަ މުއައްޒަފުންނަށް ހާޒިރީ އެލަވަންސް ލިބޭނެ
ރަމަޟާން މަހުގެ ފަހު ދިހައެއްގައި މަސައްކަތްކުރާ ދައުލަތުގެ މުވައްޒަފުންނަށް އިތުރު އިނާޔަތްތައް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.
މިކަން ހަމަޖެއްސުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް 7 ވަނަ އިޞްލާޙު ގެނެސް، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.
މި އިޞްލާޙުގެ ދަށުން، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަހުގެ ނިޔަލަށް މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދޭންޖެހެއެވެ. އަދި މި ދުވަސްތައް ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ބަލައި، އިތުރު އިނާޔަތްތަކެއް ދޭންޖެހޭނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މި ދުވަސްތަކުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރަންވާނީ ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމަށާއި، އަދި މި ދުވަސްތަކުގައި ކުރާ ހުރިހާ މަސައްކަތަކަށް އިތުރުގަޑީގެ ފައިސާ ދެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އޮފީހަށް ހާޒިރުނުވިކަމުގައިވިޔަސް ހާޒިރީ އިނާޔަތް ދޭންވާނެކަމަށް ވެސް ކަނޑައަޅާފައިވެއެވެ.
މި އިޞްލާޙަށް މިއަދުން ފެށިގެން އަމަލުކުރަން ފަށަންޖެހޭނެކަމަށް ވެސް މި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.
ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނިގެން ރަމަޟާން މަހުގެ ފަހު ދިހައެއް ބަންދު ކުރިކަމުގައި ވިޔަސް ސަރުކާރުން ކޮންމެހެން ދޭންޖޭހޭ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭ ގޮތަށް ސަރުކާރުން ވަނީ އިންތިޒާމްތައް ހަމަޖައްސަވާފައެވެ. އެގޮތުން ބައެއް އޮފީސްތަކުގެ ޚިދުމަތްތައް އޮންލައިންކޮށް ދެމުންގެންދާ އިރު އަނެއްބައި އޮފީސްތަކުން ދުވާލު 10.30 ން 12.30 އަށް ކައުންޓަރުތަކުން ޚިދުމަތް ލިބޭނެކަމަށް ވަނީ ހާމަކުރައްވާފައެވެ.
ރިއެކްޝަންސް






