ފެނަކައިން އަމިއްލައަށް ވަކިވާން 97 މުވައްޒަފަކު އެދިއްޖެ
ދައުލަތުގެ ކުންފުނިތައް "ރައިޓްސައިޒް" ކުރުމަށް ސަރުކާރުން ފަށާފައިވާ ސިޔާސަތުގެ ދަށުން، ފެނަކަ ކޯޕަރޭޝަނުން އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހުޅުވާލި ފުރުސަތުގައި 97 މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދިފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް ހަމަމަގަށް އެޅުވުމަށްޓަކައި މުވައްޒަފުންގެ އަދަދު މަދުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. މިގޮތުން އަމިއްލައަށް ވަޒީފާއިން ވަކިވާން އެދޭ މުވައްޒަފުންނަށް ހާއްސަ އިނާޔަތެއްގެ ގޮތުގައި ހަތަރު މަހުގެ މުސާރަ އެއްފަހަރާ ދިނުމަށް ވަނީ ނިންމާފައެވެ. މި ހުށަހެޅުމަށް ބޮޑު ތަރުހީބެއް ލިބި، އެންމެ ހަފުތާއެއްގެ ތެރޭގައި 97 މުވައްޒަފަކު ވަނީ ވަކިވާން ހުށަހަޅާފައެވެ.
އަފީފު ފާހަގަކުރެއްވި ގޮތުގައި އޭނާ މަގާމާ ހަވާލުވެވަޑައިގަތްއިރު ކުންފުނީގައި 8,000 އެއްހައި މުވައްޒަފުން ތިބި އިރު، އެ މީހުންގެ މުސާރައަށް އެކަނިވެސް މަހަކު ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހަރަދުވެއެވެ. ކުރީ ސަރުކާރުން ސިޔާސީ ބޭނުންތަކަށް ގިނަ އަދަދެއްގެ މީހުން ވަޒީފާއަށް ނަގާފައިވާކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ، އޭގެ ތެރޭގައި ލިޔަންކިޔަން ނުދަންނަ މީހުންނާއި ވަޒީފާއަށް ނުނިކުމެ މުސާރަ ނަގާ މީހުންވެސް ހިމެނޭ ކަމަށެވެ. މިފަދަ ބޮޑު ހަރަދެއް ހިނގާތީ ކުންފުނީގެ އަސާސީ މަޝްރޫއުތައް ހިންގުމަށް ފައިސާ ނުހުންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފެނަކައިގެ އިތުރުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންވެސް ވަނީ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި މުވައްޒަފުން އަމިއްލައަށް ވަކިވުމުގެ "ރިޑަންޑެންސީ ޕްރޮގްރާމެއް" ފަށާފައެވެ.
ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ހުރިހާ ސަރުކާރު ކުންފުނިތަކަކަށް މިހާރު އިރުޝާދު ދީފައެވެ. މި ފިޔަވަޅުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.
ރިއެކްޝަންސް





