ޒިޔާދު ވަކިކޮށް, އެމްޓީސީސީގެ އެމްޑީއަކަށް ސައުދީ އައްޔަން ކުރައްވައިފި
ޒިޔާދު ވަނީ އެންވަޔަރަަމންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފަ
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުން މުހައްމަދު ޒިޔާދު ވަކިކުރައްވާ, އެމަގާމަށް އަހުމަދު ސައުދީ އައްޔަން ކުރައްވައިފި އެވެ.
ސައުދީ އަކީ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރެކެވެ. އެކަމަކު އެންމެފަހުން މަސައްކަތް ކުރެއްވީ މާލެ ސިޓީ ކައުންސިލްގައެވެ. ޒިޔާދު ވަކިކުރައްވާ ސައުދީ މަގާމަށް އައްޔަން ކުރެއްވިކަން ޕްރިވައިޓައިޒޭޝަން ބޯޑުން ވަނީ ޔަގީންކޮށްދެއްވާ, އިއުލާނުކުރައްވާފައެވެ. ޒިޔާދު ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފައެވެ. ޒިޔާދު ވަކީ ކުރިންވެސް އެމިނިސްޓްރީގައި މަސައްކަތް ކުރައްވާފައެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ސައުދީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށްވެސް އައްޔަން ކުރެއްވިއެވެ. މާލެ ސިޓީކައުންސިލްގެ އިސް މަގާމަކަށް ވަޑައިގެންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މާލެ މޭޔަރަކަށް ހުންނަވަނިކޮށެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ވަނީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑްގެ ޗެއަރޕަސަން އަކަށް މުހައްމަދު މިހާދު އައްޔަން ކުރައްވާފައެވެ. އަދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިުވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު އަލީ އާއި, ސިންގަޕޫރުގެ ސައީދު އަބްދުއް ނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދު އާއި އިނގިރޭސި ރައްޔިތެއް ކަމަށްވާ ރޮބަރޓް ޑެނިއެލް ކާންޓް އައްޔަން ކުރައްވާފައެެވެ.
ރިއެކްޝަންސް