
އޭސީސީގެ ތަޙުޤީޤުތައް އަވަސްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވައިފި
އެމްއެމްޕީއާރުސީ މައްސަލައާއި ބިންވެރިޔާ ސްކީމް ވަކިން ފާހަގަކުރެއްވި
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިނގާ ޖިނާއީ ތަޙުޤީޤުތައް އަވަސްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވައިފިއެވެ. ޕީޖީ އޮފީހުން ބުނީ އެފަދަ އަމުރެއް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ކުރެއްވީ އޭސީސީގެ ޖިނާއީ ތަހުގީގުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ޕީޖީގެ ސަމާލުކަމަށް އައިސްފައިވާތީ ކަމަށެވެ.
ޝަކުވާތައް ޕްރޮސިކިއުޓަރ ޖެނެރަލް ބެއްލެވިއިރު، ދިވެހި ދައުލަތާއި ޢާންމު ރައްޔިތުންގެ މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ހިމެނޭގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގާ ޖިނާއީ ތަޙުޤީޤުތައް ލަސްވެ، ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައާއި، އެފަދަ މައްސަލަތަކުގައި ދައުލަތާއި ޢާންމު ރައްޔިތުންގެ މަސްލަޙަތުތަކަށް އުނިކަން އަންނަމުންދާކަން ޕީޖީ އައްބާސް ޝަރީފްގެ ސަމާލުކަމަށް އައިސްފައިވާކަމަށް އެއޮފީހުން ވިދާޅުވިއެވެ.
" މި ސަބަބަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި، އެ މާއްދާގެ (ފ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ އެންމެހައި ޖިނާއީ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައްވައި، އެ އިރުޝާދަށް މިއަދު (26 ޖަނަވަރީ 2025، އާދީއްތަ) އިން ފެށިގެން ޢަމަލުކުރުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވައިފިއެވެ." ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމުރުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މައްސަލައާއި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި ޢާންމު ފަރުދުންގެ މަޞްލަޙަތާ ގުޅުންހުރި ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަޙުޤީޤު، ޚާއްޞަ ސަމާލުކަމެއްދީގެން އަވަހަށް ހިންގައި، ޕްރޮސިކިއުޓަރ ޖެނެރަލް ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް ވަނީ އަމުރުކުރައްވާފައެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްސަލަތައް އަވަސްކޮށް، ހަރުދަނާކުރުމަށްޓަކައި ޕީޖީ ނެރުއްވާފައިވާ އިރުޝާދަކީ އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ ހުރިހާ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި، މިއަދުން ފެށިގެން ޢަމަލުކުރަންޖެހޭނެ އިރުޝާދެއް ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އިރުޝާދުގެ ބޭނުމަކީ، އެ ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކުރުމުގެ އިތުރުން، ތަޙުޤީޤުތަކުގެ މަރުޙަލާތައް ކުރިއަށްގެންދާނެ ސިސްޓަމިކް ގޮތްތަކެއް ކަނޑައެޅުމާއި، ޖިނާއީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުޤީޤުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުމާއި، ތަޙުޤީޤުގެ ކުރީ މަރުޙަލާއިން ފެށިގެން ޕީޖީ އޮފީހުގެ ލަފާ ހޯދަން އިތުރަށް ފަސޭހަކޮށް، އެކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުން ކަމަށްވެސް ޕީޖީ އޮފީހުން ޢާއްމުކުރެއްވި ލިޔުމުގައި ވެއެވެ.
ރިއެކްޝަންސް






