
މާލޭގައި މިއަހަރުވެސް ކުލަގަދަކޮށް ކުޑައީދު ފާހަގަކުރަނީ
މިއަހަރުވެސް މާލޭގައި ކުޑަ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިގޮތުން ކުޑަ އީދުގެ ކުޅިވަރުތައް "ސާދަ އެންޓަޓައިމަންޓް" އާ ގުޅިގެން ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް އެކައުންސިލުން ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ އީދު ދުވަހު ކުޅިވަރު ހަރަކާތްތައް ފެށޭނީ އެދުވަހުގެ ހަވީރު 16:00 ގައި ރަސްފަންނުގައި ބާއްވާ ބޮޑުބެރު ހަރަކާތަކުން ކަމަށެވެ. މި ކުޅިވަރުތައް ނިންމާނީ މަޖީދީމަގުން ގޮސް އާޓިފިޝަލް ބީޗަށް ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.
އީދުގެ ފުރަތަމަ ދުވަހަށްފަހު، އީދު ބަންދުގެ ތިން ދުވަހު އާޓިފިޝަލް ބީޗުގައި ސަގާފީ ފެސްޓިވަލެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ފެސްޓިވަލްގައި ބަނޑިޔާ ޖެހުމާއި، ތާރަޖެހުން އަދި ބޮޑުބެރު ޖެހުން ފަދަ ސަގާފީ ކުޅިވަރުތައް ހިމެނޭނެކަމަށް ކައުންސިލުން ވިދާޅުވިއެވެ.
މީގެއިތުރުން، ކުޑަކުދިންގެ ހަވީރަކާއި މިއުޒިކް ޝޯއެއްވެސް އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ރޭވިފައިވާ ކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ.
މިދިޔަ އަހަރުވެސް މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގައި ކުޑަ އީދު ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައެވެ.
ރިއެކްޝަންސް






