
ޚާއްޞަ އަޅައިލުމާ ލޯބި ބޭނުންވާ މީހުންނަށް ޚިދުމަތްދޭނީ އަތުގުޅާލައިގެން: ރައީސް މުޢިއްޒު
މުޖުތަމަޢުގެ ޚާއްޞަ އަޅައިލުމާ ލޯބި ބޭނުންވާ ފަރާތްތަކަށް ހޭހަންކޮށްދިނުމުގައިވެސް ސަރުކާރާއި ރައްޔިތުން މަސައްކަތްކުރާނީ އަތުގުޅާލައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
"އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާ ބައެކެވެ. މުޖުތަމަޢުގެ ޚާއްޞަ އަޅައިލުމާ ލޯބި ބޭނުންވާ ހަމަ ކޮންމެ ކުއްޖަކާއި ޢާއިލާއަކަށް ހޭހަންކޮށްދިނުމުގައިވެސް ސަރުކާރާއި ރައްޔިތުން މަސައްކަތްކުރާނީ އަތުގުޅާލައިގެން" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ މާރިޗު 21 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއަހަރުގެ ޝިޢާރަކީ "އިމް އަވަރ ސަޕޯޓް ސިސްޓަމް" އެވެ. މި ޝިޢާރުން އަލިއަޅުވާލަނީ ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް އެކަށީގެންވާ ފަރުވާއާއި ތަޢުލީމާއި ފުރުޞަތުތައް ލިބޭނެ ގޮތް ހެދުމަށް ވަށައިޖެހޭ އެހީތެރިކަމުގެ ނިޒާމުތައް ހަރުދަނާކުރުމުގެ މުހިންމުކަމަށެވެ.
ޑައުން ސިންޑްރޯމަކީ އުފެދުމުގައި ހުންނަ އުނިކަމެކެވެ. މިކަން މެދުވެރިވަނީ ހަށިގަނޑުގެ އެކާވީސްވަނަ ކްރޮމޮޒޯމްގައި އިތުރު ކްރޮމޮޒޯމެއް އޮތުމުގެ ސަބަބުންނެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ޑައުން ސިންޑްރޯމާ މެދު މީހުން ހޭލުންތެރިކުރުވުމެވެ.
ރިއެކްޝަންސް






