އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދީފި
ދިވެހިރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން 50 މިލިއަން ޑޮލަރު ނުވަތަ 771 މިލިއަން ރުފިޔާގެ ކުއްލި އެހީގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ.
އޭޑީބީން ހާމަކުރި ގޮތުގައި، މި ލޯނަކީ ރާއްޖޭގައި ހިންގާ "އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" އަށް އެހީތެރިވުމުގެ ގޮތުން ދޫކުރާ ފައިސާއެވެ. މި އެހީގެ ސަބަބުން ރާއްޖެއަށް ތެޔޮ އިމްޕޯޓް ކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި ފެނުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ރައްކާތެރިކަން ކަށަވަރުވާނެއެވެ.
މިކަމާ ގުޅޭގޮތުން އޭޑީބީގެ ރައީސް މަސަޓޯ ކަންޑާ ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ހަމަނުޖެހުންތަކާއި ހަނގުރާމަތަކުގެ އަސަރު، ގައުމުގެ ބޯޑަރު ހުރަސް ނުކުރި ނަމަވެސް އާއިލާތަކުގެ ދިރިއުޅުމަށް ފޯރާ ކަމަށެވެ. ވަކިން ހާއްސަކޮށް ބޭސްފަރުވާގެ އަގުތަކާއި ކަރަންޓުގެ ޚިދުމަތުން އެކަން ފެންނަކަން އޭނާ ފާހަގަކުރެއްވިއެވެ. ކަންޑާ އިތުރަށް ވިދާޅުވީ، ބޭރުގެ ހަމަނުޖެހުންތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލުނު ނަމަވެސް، ދިވެހި ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ޔަގީންކޮށްދިނުމުގައި އޭޑީބީން އެހީތެރިވާނެ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ސަބަބުން، ތެޔޮ އެތެރެކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ރާއްޖޭގައި ކަރަންޓު އުފެއްދުމަށާއި ބޯފެން ތައްޔާރުކުރާ ޕްލާންޓުތައް ހިންގުމަށް 94 އިންސައްތަ ބަރޯސާވަނީ އިމްޕޯޓްކުރާ ތެލަށެވެ.
އޭޑީބީގެ މި ލޯނުގެ އެހީގައި، ކަރަންޓާއި ފެނުގެ އިތުރުން ކާބޯތަކެއްޗާއި ސިއްހީ ސާމާނު އުފުލުމަށާއި، ދަތުރުފަތުރާއި ކުނި މެނޭޖްކުރުމަށް ބޭނުންވާ ޑީސަލް އެތެރެކުރުމަށް މަގުފަހިވާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި މަގުސަދުގައި ވޯލްޑް ބޭންކުންވެސް ވަނީ ދާދި ފަހުން ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.
ރިއެކްޝަންސް





