ތުރުކީ، ސަޢޫދީ އަދި ޕާކިސްތާނުން 'މައްކާގެ ގުޅިފައިވާ ދިފާޢީ އެއްބަސްވުން' އެކުލަވައިލައިފި
ތުރުކީވިލާތާއި، ސަޢޫދީ ޢަރަބިއްޔާ އަދި ޕާކިސްތާނުން ގުޅިގެން 'މައްކާގެ ގުޅިފައިވާ ދިފާޢީ އެއްބަސްވުން' އެކުލަވައިލައި، އަސްކަރީ އަދި ދިފާޢީ ގޮތުން އެންމެ މަތީ ފަންތީގައި ގުޅުން ބަދަހިކުރުމަށް ނިންމައިފިއެވެ.
މި އެއްބަސްވުމާ ގުޅޭ ތަފްސީލުތައް ފުރަތަމަ ފަހަރަށް ހާމަކުރަމުން ތުރުކީވިލާތުގެ ދިފާޢީ ވުޒާރާއިން ބުނީ، އޮގަސްޓު މަހުގެ 7 ވަނަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ތިން ޤައުމުގެ ޚާރިޖީ އަދި ދިފާޢީ ވަޒީރުންގެ މެދުގައި މަޝްވަރާތައް ބޭއްވުމާއި، ގުޅިފައިވާ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. މީގެ އިތުރުން ދިފާޢީ އުފެއްދުންތެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަކީ ވެސް މި އެއްބަސްވުމުގެ މުހިންމު ބައެކެވެ.
މި ތިން އިސްލާމީ ބޮޑު ބާރުން ދިފާޢީ އިއްތިޙާދެއް އުފައްދާފައި މިވަނީ، ހުޅަނގު އޭޝިޔާ ސަރަޙައްދުގެ ހަމަޖެހުން ގެއްލި، އީރާނާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިޅެއްގައެވެ. 'މައްކާ އެއްބަސްވުމުގައި' ވާގޮތުން، މީގެ ތެރެއިން ކޮންމެ ޤައުމަކަށް ދެވޭ ހަމަލާއަކީ މުޅި އިއްތިޙާދަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި އެއްވެސް ޤައުމަކަށް ޢުދުވާނަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ، އަނެއް ދެ ޤައުމުން އެ ޤައުމެއްގެ ދިފާޢުގައި ތެދުވަން ޖެހޭނެއެވެ. މިއީ ހުޅަނގުގެ ދިފާޢީ އިއްތިޙާދު، ނޭޓޯއިން ވެސް ޢަމަލުކުރާ އުސޫލެކެވެ.
މި އެއްބަސްވުމުގެ ދަށުން އެއްގަމާއި، ކަނޑާއި، ވައިގެ ސިފައިން ގުޅިގެން ތަމްރީނުތައް ބޭއްވުމުގެ އިތުރުން، ޑްރޯން ފަދަ ޒަމާނީ ހަތިޔާރާއި އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ހަތިޔާރު އުފެއްދުމާއި އަސްކަރީ އުޅަނދުފަހަރު މަރާމާތު ކުރެވޭނެ ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
ތުރުކީވިލާތަކީ މިހާރު ވެސް ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮތް ޤައުމަށް ވާއިރު، ޕާކިސްތާނަކީ ނިއުކްލިއަރ ބާރެކެވެ. އަދި ސަޢޫދީ ޢަރަބިއްޔާއަކީ ދުނިޔޭގެ އިޤްތިޞާދީ ގޮތުން ނުފޫޒުގަދަ، ތެލުގެ ބޮޑު ބާރެކެވެ. ތުރުކީން ހާމަކުރި ގޮތުގައި މި އެއްބަސްވުމުގައި ބައިވެރިވުމުގެ ފުރުޞަތު މިޞްރު ފަދަ އެހެން ޤައުމުތަކަށް ވެސް އޮންނާނެއެވެ. އަދި މި ވަގުތު ރަތް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޖިއްދާގައި ކުރިއަށްދާ މަޝްވަރާތަކުގައި ވެސް ތުރުކީން ދަނީ ބައިވެރިވަމުންނެވެ.
ރިއެކްޝަންސް





