ކ. އަދި ވ. އަތޮޅުގައި ޕްރައިމަރީ ހެލްތު ކެއާ ޕްރޮގްރާމެއް ފަށައިފި
އިބްތިދާއީ ސިއްހީ ހިދުމަތް ނުވަތަ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ރާއްޖޭގައި އަލުން ދިރުވައި އާލާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ކާފު އަތޮޅާއި ވާވު އަތޮޅަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ޕްރޮގްރާމް ފެށުމަށްޓަކައި ކ. ތުލުސްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ފައްޓަވައިދެއްވީ ސިއްހަތާއި އާއިލާ އަދި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓަރު ގީލާ އަލީއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ހުރިހާ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މި މަސައްކަތުގައި ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ.
ޕްރައިމަރީ ހެލްތު ކެއާ ނިޒާމަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް (NCDs) މަދުކޮށް، އެފަދަ ބަލިތައް ކުރީބައިގައި ދެނެގަނެ، ރައްޔިތުންނަށް އިތުބާރު ހުރި، ވަށާޖެހޭ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފެށި ޕްރޮގްރާމެކެވެ. މިހާރު ރާއްޖޭގެ 13 އަތޮޅެއްގައި މި ޕްރޮގްރާމް ކުރިއަށްދާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް މި ހިދުމަތް ފުޅާކުރުމެވެ.
މި މަޝްރޫއުގެ ދަށުން ކުރެވޭނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ މެޑިކަލް ހިސްޓްރީ ނުވަތަ ޕޭޝަންޓް ރިކޯޑެއް ތައްޔާރުކުރުން ހިމެނެއެވެ. މީގެ އިތުރުން ސިއްހީ ހިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް، ބަލިތަކުން ރައްކާތެރިވުމުގެ މައުލޫމާތު ދިނުމާއި، ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދޭނެއެވެ.
މިނިސްޓަރު ގީލާގެ ވާހަކަފުޅުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 84 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންކަން ފާހަގަކުރެއްވިއެވެ. އަދި 2022 ވަނަ އަހަރުގެ "ސްޓެޕްސް ސާވޭ" އިން ދައްކާގޮތުގައި ޒުވާނުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކީ މިފަދަ ބައްޔެއްގެ ނުރައްކަލަށް ހުށަހެޅިފައިވާ މީހެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) އިންވެސް ބާރުއަޅާ މި ނިޒާމުގެ ތެރެއިން، ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގައި "ޕްރައިމަރީ ހެލްތު ކެއާ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް" ގެ ކޮމިއުނިކޭޝަން ކެމްޕޭންވެސް ވަނީ އިފްތިތާހުކޮށްފައެވެ. މީގެ މައިގަނޑު ބޭނުމަކީ ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ މުޖުތަމައުގައި އަށަގަންނުވައި، ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމެވެ.
ރިއެކްޝަންސް





