މާލެ ސިޓީގެ މޭޔަރަށް ހަމަލާދޭން އުޅުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް 'ހަމަލާދޭން އުޅުނު' ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، މި މަހުގެ 24 ވީ އާދީއްތަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން، މާލެ ސިޓީ މޭޔަރަށް މީހަކު ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ އިދިކޮޅު އެމްޑީޕީން އެ ރޭ މާލޭގައި ބޭއްވި އެއްވުން ގަލޮޅު ސަހަރާ ކައިރިން ކުރިއަށް ދިޔަ ވަގުތުއެވެ. އެއްވުން ލީޑް ކުރައްވަމުން ގެންދެވި މޭޔަރު އާޒިމަށް ހަމަލާދިން މަންޒަރު ބައެއް ޓީވީ ޗެނަލްތަކުން ވަނީ ވަގުތުން ދައްކާފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެކަކު ވަނީ އާޒިމްގެ ކުރިމައްޗަށް އަރައި، އޭނާގެ މޭގައި ޖަހައި ކޮއްޕާލާފައެވެ.
މި ހަމަލާއާއެކު، މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ވަނީ އެ ޒުވާނާއަށް ހަމަލާދީފައެވެ. އެ ސަރަހައްދުގައި އުފެދުނު މި ހަމަނުޖެހުން ހުއްޓުވީ ފުލުހުން އެ ސަރަހައްދަށް ގޮސްގެންނެވެ.
މޭޔަރު އާދަމް އާޒިމަށް ދިން މި ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޭޔަރު އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސް މުއިއްޒަށް ފެނިވަޑައިގެންފައިވާ ކަމަށާއި، އެ އަމަލު އެމަނިކުފާނު ކުށްވެރިކުރައްވާ ކަމަށެވެ. މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެއްވެސް ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި ނުވަތަ އަމިއްލަ ދިރިއުޅުމުގައިވެސް ހަމަލާދީ، މަސައްކަތަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން، މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްވެސް ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ އަރުވާފައެވެ.
ރިއެކްޝަންސް

