ސަޢުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި

ސަޢުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި

3 hours ago - 11:12
Advertisement
Advertisement

ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.


މި މަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ހަދިޔާކުރި މި ކަދުރުތައް މާލެ ސަރަޙައްދުގައި ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މިއަދުން ފެށިގެން އަންނަ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަދުރު ބެހުން ކުރިއަށްދާނެއެވެ. ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 13:00 އަށެވެ.


މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކަށް ކަދުރު ދޫކުރާނީ އެ ގޭބިސީއެއްގެ އެޑްރެހާއި، ކަރަންޓު މީޓަރުގެ ނަންބަރުގެ އިތުރުން ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައެވެ.


އަތޮޅުތެރޭގެ ރަށްރަށާއި ސިޓީތަކުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ކައުންސިލްތައް މެދުވެރިކޮށެވެ. މިގޮތުން ރަށްރަށަށް ކަދުރު ކަނޑައަޅާނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓު ކަދުރެވެ. އަދި ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރުގެ މަގުން، އެ ރަށަކަށް ކަނޑައަޅާފައިވާ ކަދުރުތައް ހުސްވަންދެން ބެހުމަށް ވަނީ ނިންމާފައެވެ.


ސަޢުދީގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން 2004 ވަނަ އަހަރު މި އެހީ ތަޢާރަފްކުރި ފަހުން، ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި މެދުކެނޑުމެއް ނެތި ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންދާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރިކަމާއި އިސްލާމީ އުޚުއްވަތްތެރިކަން ރަމްޒުކޮށްދޭ ކަމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement