
މި ސަރުކާރުން ދިވެހި ޒުވާނުންނަށް ދައްކާނީ ސާފުސީދާ ތެދުމަގު -އެމްޕީ އިއްބެ
މި ސަރުކާރުން ދިވެހި ޒުވާނުންނަށް ދައްކާނީ ސާފުސީދާ ތެދުމަގު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.
އިއްބެ މިހެން ވިދާޅުވެ ސޯޝަލް މީޑިޔާގައި ޕޯސްޓެއް ކުރައްވާފައި މިވަނީ ޒުވާން އަންހެނަކު ގެއެއްގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު ހާދިސާގެ ތަހުގީގާމެދު ސުވާލު އުފައްދާ ޒުވާނުން ސިލްސިލާކޮށް ފަށާފައިވާ މުޒާހަރާތަކުގައި އުފުލަމުންދާ އަޑު އައްސަވާ ފިޔަވަޅުތަކެއް އަޅުއްވަމުން ދަނިކޮށެވެ. އެގޮތުން މިނިވަން ތަހުގީގަކަށް ފުރުޞަތު ދިނުމަށް ކޮމިޝަނެއް އުފެއްދެވުމާއި, ވަކި މީހަކަށް ވަކިގޮތެއް ޤާނޫނުގެ ކުރިމަތީގައި ނޯންނާނެކަމުގެ ޔަގީންކަން ދެއްވުން ހިމެނެއެވެ. އަދި ޒުވާނުންގެ ކަންބޮޑުވުންތަކަކީ ސީރިއަސް ކަންބޮޑުވުންތަކެއް ކަމަށް ޚުދު ރައީސްވެސް ވަނީ ވިދާޅުވެފައެވެ.
މެމްބަރު އިއްބެ ވިދާޅުވީ ދިވެހި ޒުވާނުންނަށް ރައީސުލްޖުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާނީ ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގު ކަމަށެވެ. ޒަމާންތަކެއް ވަންދެން ސިޔާސީ ބޭނުމެއްގައި ދިވެހި ޒުވާނުންގެ ކުރިމަގު ނަގާލާ މަގުމަތި ކުރުވި ދުވަސްތަކަކީ މި ރާއްޖޭގެ މާޒީ ކަމަށް އޭނާ ވިދާޅުވިއެވެ.
" މިއަދުގެ ސަރުކާރުން ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް އަޅައިދީފައިވަނީ ހަރުދަނާ ބިންގަލެއް. އެއީ ޒިންމާދާރު، މައިންބަފައިންގެ ލޯތަކަށް ފިނިކަން ލިބިގެންދާނެ، ގައުމަށް ވަފާތެރި، ގައުމުގެ ކަންކަމާއިގެން ކުރިއަށްދާނެ ޒުވާން ޖީލެއް ބިނާކުރަނިވި ބިންގާ." އިއްބެ ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ އެއީ އީމާންކަމާއި ދެދުނިޔޭގެ ފަލާހަށް މަސައްކަތް ކުރާނެ ހަރުދަނާ ޖީލެއްގެ ބިންގަލަށް ވެގެންދާނެ ކަމަށެވެ. މި ސަރުކާރުން ދިވެހި ޒުވާނުންނަށް ދައްކާނީ ސާފުސީދާ ތެދުމަގު ކަމަށާއި, ހިތްވަރު ދޭނީ ހެޔޮ ކަންކަން ކުރުމަށާއި ނޭއްގާނީ ކަންކަމާ ދުރުވާން ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް






