
ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލް މަޖިލިހަށް ބަލައިގެންފި
ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލް މަޖިލިހަށް ބަލައިގެންފިއެވެ. ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި ބިލް ބަލައިގަތީ ސަރުކާރު ހިންގާ ޕީއެންސީގެ 64 މެމްބަރުންގެ ވޯޓުންނެވެ.
ބިލް ބަލައިގަތުމަށް ވޯޓްދޭން ޕީއެންސީ ޕީޖީ ގްރޫޕުން ތްރީ ލައިން ވިޕް ނެރެފައި ވަނިކޮށް, އެޕާޓީގެ 11 މެމްބަރަކު ވޯޓްގައި ބައިވެރި ނުވެއެވެ. ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓް ދެއްވީ އެމްޑީޕީގެ 11 މެމްބަރުންނާއި, އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްރަހުމާނެވެ.
ބިލް ބަލައިގަތުމާއެކު ޖުޑިޝަރީ ކޮމިޓީ މިއަދު ހަވީރު ބާއްވާ ބިލްގެ ކޮމިޓީ މަރުހަލާ ފަށަން ވަނީ ނިންމާފައެވެ. ކޯޓްތަކާބެހޭ ޤާނޫނަށް އިސްލާހު ގެންނަ, މިބިލަކީ ސްޕްރީމް ކޯޓްގެ 7 ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށް, ޖުމްލަ އަދަދު ފަހަކަށް މަދުކުރަން ހިމަނާފައިވާ ބިލެކެވެ. އަދި ބިލް ޤާނޫނަކަށް ވުމަށްފަހު ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ވަކިކުރާނެ ދެ ފަނޑިޔާރުން މަޖިލިހުން ކަނޑައަޅަން ޖެހެއެވެ.
ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކުރާއިރު, ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސްޕްރީމް ކޯޓްގެ ފުލް ބެންޗުން ދަނީ ބަލަމުންނެވެ.
ރިއެކްޝަންސް






