
ކޯޓްތަކުގެ ޤާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް އިހުތިޖާޖު ކުރަން ފައްޔާޒު ގޮވާލައްވައިފި
ކޯޓްތަކުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލިހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި އިސްލާހާ ދެކޮޅަށް އިހުތިޖާޖު ކުރަން އެމްޑީޕީގެ ޗެއަރޕަސަން އަލްއުސްތާޛު ފައްޔާޒު އިސްމާއީލް ގޮވާލައްވައިފިއެވެ.
ކޯޓްތަކުގެ ޤާނޫނަށް މެމްބަރު ސައްތާރު ހުށަހެޅުއްވި މައިގަނޑު އިސްލާހަކީ އެކޯޓްގެ ފަނޑިޔާރުންގެ އަދަދު 7 ން 5 އަށް މަދުކުރުމެވެ. އަދި ފަނޑިޔާރުން އައްޔަންކޮށް ވަކިކުރުމުގެ މަރުހަލާ އަވަސް ކުރުމެވެ.
އެއިސްލާހަށް އިޝާރާތްކުރައްވާ ކުރިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމާއި ވަޒީރަކަންވެސް ކުރެއްވި ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުންގެ އަދަދު މަދުކުރަން އެ ކުރާ މަސައްކަތަކީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެއް ކަމަށެވެ. އެއީ ސަރުކާރުގެ ފިނޑި އަދި ހުތުރު އަމަލެއްގެ ގޮތުގައި ސިފަކުރައްވާ އެކަމުގައި ބައިވެރި ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޭނާ ގޮވާލެއްވިއެވެ. ރައްޔިތުންގެ މަޖިލިހުގައި އޮތީ ޕީއެންސީގެ ސުޕަރ މެޖޯރިޓީއެވެ.
" މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މުޅި ޝަރުއީ ދާއިރާއަށް ތެދުވުމަށް ގޮވާލަން." ފައްޔާޒު ވިދާޅުވިއެވެ.
އަދަދު މަދުކުރުން ފައްޔާޒު ސިފަކުރެއްވީ މިއީ ޑިމޮކްރަސީ އާއި ޖުޑީޝަރީގެ މިނިވަންކަމުގައި ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ބޮޑު ފިޔަވަޅެއްގެ ގޮތުގައެވެ. ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުމާ އެކު އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ފިޔަވަޅު އަޅައި، ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު މިހާރު މަސައްކަތް ކުރައްވަނީ ފަނޑިޔާރުން މަދު ކުރުމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރުގެ އަމަލުތައް ހުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާ ހަމައަށް ކަންކަން ގެންދިޔުމަށް ކަމަށެވެ.
ރިއެކްޝަންސް






