އަދަދު ނޫހުގެ ސީއީއޯ ފިޔާޒުގެ ޕާސްޕޯޓު ހިފަހައްޓައިފި
"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައެއްގައި، އެ ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސެއިން ފިޔާޒް މޫސާގެ ޕާސްޕޯޓު ހިފަހައްޓައި، އެ ނޫހުގެ އޮފީސް ފުލުހުން ފާސްކުރަން ފަށައިފިއެވެ.
ކްރިމިނަލް ކޯޓުން މިރޭ 22:11 ގައި ނެރުނު އަމުރެއްގެ ދަށުން ފިޔާޒު ފުރުން މަނާކޮށްފައިވަނީ، އޭނާ ފުރައިގެން ދާން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މި އަމުރުގެ ދަށުން މިއަދުން ފެށިގެން ޖުލައި 26 ގެ ނިޔަލަށް އެއް މަސް ދުވަހުގެ މުއްދަތަށް އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.
މި މައްސަލައަކީ "އައިޝާ" ގެ ނަމުގައި އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ އެ ޑޮކިއުމަންޓްރީގައި ހުރި ވާހަކަތަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ދޮގު މައުލޫމާތު ފެތުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެ ވީޑިއޯއަކީ އެމަނިކުފާނުގެ އަބުރު ކިލާނބުކޮށްލުމަށް ހިންގާފައިވާ އަމަލެއް ކަމަށެވެ. ނަމަވެސް އަދަދު ނޫހުން ބުނަމުންދަނީ އެއީ އެ ނޫހަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ތަހުގީގީ ރިޕޯޓެއް ކަމަށެވެ.
ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ފާސްކުރަމުންދާތީ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ގިނަ އަދަދެއްގެ ނޫސްވެރިން ދަނީ އެ ނޫހުގެ އޮފީސް ކުރިމަތީގައި އިހުތިޖާޖު ކުރަމުންނެވެ. އެމްޖޭއޭއިން ބުނި ގޮތުގައި މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކުރާ މަސައްކަތެކެވެ. އަދި މިނިވަން ނޫސްވެރިކަމަށް ބިރުދެއްކުން ހުއްޓާލުމަށް އެ ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ.
މިކަމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، މިއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުން ދިން ސީދާ ހަމަލާއެއް ކަމަށެވެ. ފުލުހުންގެ މި އަމަލަކީ މިނިވަން މީޑިއާތަކަށް ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ރިއެކްޝަންސް

