ސިޔާސީ ހަރަކާތް ހިންގަން ސަރުކާރުން ތަނެއް ނުދިންކަމަށް ބުނުމުން, ހުއްދަނެތި ހަރަކާތް ހިންގޭނެކަން ސަރުކާރުން ހަނދާންކޮށްދީފި
އިސްތަރުޖަމާނު ހީނާ ވަލީދު: ފޮޓޯ-ރައީސް އޮފީސް

ސިޔާސީ ހަރަކާތް ހިންގަން ސަރުކާރުން ތަނެއް ނުދިންކަމަށް ބުނުމުން, ހުއްދަނެތި ހަރަކާތް ހިންގޭނެކަން ސަރުކާރުން ހަނދާންކޮށްދީފި

7 hours ago - 06:15
Jun 20, 2025 - 06:47

ސިޔާސީ ހަރަކާތް ހިންގަން ސަރުކާރުން ތަނެއް ނުދިންކަމަށް ބުނުމުން, ހުއްދަނެތި ހަރަކާތް ހިންގޭނެކަން ސަރުކާރުން ހަނދާންކޮށްދީފިއެއެވެ. އިދިކޮޅު އެމްޑީޕީއަށް ސަރުކާރުން މިކަން ހަނދާންކޮށްދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާދެންނެވުމަށް ހަފުލާއެއް ބޭއްވުމަށް ސަރުކާރުން ތަނެއް ނުދިންކަމަށް ބުނެ, އެޕާޓީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

ފައްޔާޒު ވިދާޅުވީ އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމާއެކު ކުރީގެ ރައީސް ނަޝީދު ސޮއިކުރައްވާ އިވެންޓް ބާއްވަން ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދުއަށް މަރުހަބާ ދެންނެވުމަށް މިމަހުގެ 23 ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި އެއިވެންޓް ބާއްވާނެ ކަމަށް ވިދާޅުވެ ޕާޓީގެ މެމްބަރުންނަށް ވަނީ ޢާއްމު ދައުވަތެއްވެސް ދީފައެވެ.

އެވާހަކަތަކަށް ރައްދު ދެއްވާ ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް  ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ޙަރަކާތްތައް ހިންގުމާއި، ޤައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ. އެއާއެކު ހަނދާންކޮށްދެއްވީ ކުރިން ހުއްދަ ހޯދުމެއް ނެތި ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ޤާނޫނުން ކަނޑައަޅައިދީފައިވާކަމެވެ. އެތަންތަނަކީ ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އުސްފަސްގަނޑާއި ރަސްފަންނެވެ.

ކުރިން ހުއްދަނެގުމަކާނުލާ، މީގެކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަޙައްދުގައި އެކަނިކަން ފާހަގަކުރައްވާ މިސަރުކާރުން އެފަދަ ތަންތަން އިތުރުކޮށްދިންކަންވެސް ތަރުޖަމާނު ހަނދާންކޮށްދެއްވިއެވެ.

"އެހެންކަމުން  މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ޜޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި  އަސާސެކެވެ." ތަރުޖަމާނު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow