ދެ އިންތިހާބު އެއްކޮށްލާ ވޯޓާއި ކައުންސިލު އިންތިހާބަށް ރީ-ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު، 2026 އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ އެކު ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
މިގޮތުން، ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު އެ ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިޢުލާނުގައިވާ ގޮތުން، މި އިންތިޚާބުތަކަށް ރީ-ރަޖިސްޓަރީވުމުގެ މުއްދަތަކީ 2026 ފެބުރުވަރީ 18 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން، ފެބުރުވަރީ 22 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.
މި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީވުމަށް ހުށަހަޅަންވާނީ މިހާރު ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަންޏެވެ. މިހާރު ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު، ކޮމިޝަނުގެ އޮންލައިން ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr) މެދުވެރިކޮށް ނުވަތަ 1414 އަށް 'VR [Space] IDNO' ޖެއްސެވުމަށްފަހު އެސް.އެމް.އެސް ކުރައްވައިގެން ސާފުކުރެއްވޭނެއެވެ.
ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅަންޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ނަމަ، އިލެކްޝަންސް ކޮމިޝަނުގެ ހޮޓްލައިން ނަންބަރު 1414 އަށް ގުޅުއްވުމަށް އެ ކޮމިޝަނުން އިރުޝާދު ދެއްވައެވެ.
ރިއެކްޝަންސް



