ރާއްޖޭގެ ތަރައްޤީއަށް އެހީވުމަށް ޗައިނާ އޮތީ ތައްޔާރަށް: މިނިސްޓަރ ސަޢީދު

ރާއްޖޭގެ ތަރައްޤީއަށް އެހީވުމަށް ޗައިނާ އޮތީ ތައްޔާރަށް: މިނިސްޓަރ ސަޢީދު

1 hour ago - 13:14

ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ ސަރުކާރު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި، ދަތުރުފަތުރާއި، ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.


ވަޒީރު މިހެން ވިދާޅުވީ ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ހައިނާން ޕްރޮވިންސްގެ ގަވަރުނަރު ލިއު ޝިއޯމިންއާ ބައްދަލުކުރައްވައި ކުރިއަށްގެންދެވި މަޝްވަރާތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، އިޤްތިޞާދީ ގޮތުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.


މީގެއިތުރުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފް.ޓީ.އޭ) ގެ ދަށުން ލިބިދޭ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ދެ ޤައުމު ގުޅިގެން ހިންގާ މަޝްރޫޢުތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާގެ ވެރިރަށް ބެއިޖިންއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދެމެދު ވެވުނު އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެއިން އިސްކަންދޭ ތަރައްޤީގެ ދާއިރާތަކަށް އެހީތެރިކަން ދިނުމަށް ޗައިނާއިން ދޭ އަހައްމިއްޔަތުކަމަށްޓަކައި އެ ޤައުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.


މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ސަޢީދު ވަނީ ހައިކެން ގްރޫޕް ޕްރޮޑަކްޓް އެގްޒިބިޝަން ހޯލަށް ޒިޔާރަތްކުރައްވައި، ހައިނާން ސްޓޭޓް ފާމްސް އިންވެސްޓްމަންޓް ހޯލްޑިންގ ގްރޫޕުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު މެންގް ޝިއާއޯލިއަންގް އަދި އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސަރަޙައްދީ ގުޅުން ބަދަހިކުރުމުގެ އިތުރުން ރާއްޖެއިން ހައިނާންއަށް މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުންނެވެ.


ޗައިނާއަކީ ޒަމާނުއްސުރެ ރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ. ތަފާތު ބޮޑެތި މަޝްރޫޢުތަކުގެ އިތުރުން އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައިވެސް ޗައިނާއިން ދަނީ ރާއްޖެއަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow