ގޮތެއް ނިންމަން ރައްޔިތުން ކައިރިން އަހަން ރައީސް ނިންމެވި ނިންމެވުންތަކާ ފައްޔާޒު ދެކޮޅު ހައްދަވައިފި
ގޮތެއް ނިންމަން
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ތިން ކަމެއްގައި ރައްޔިތުންނަށް ފެންނަ ގޮތް އައްސަވަން ނިންމަވާފައިވަކަން އިއުލާނު ކުރައްވާފައެވެ. އެއީ ރިޔާސީ އިންތިޚާބާއި, މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާއި, ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓެއް އިންތިޚާބުވާ ގޮތަށް ނިންމެވުމާމެދު ރައްޔިތުންނަށް ފެންނަ ގޮތަކާއި, ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި އަލުން ފެށޭނެ ގޮތަށް ބަދަލު ކުރުމާމެދު ރައްޔިތުންނަށް ފެންނަ ގޮތެކެވެ.
މިކަންކަމާ ދެކޮޅު ހައްދަވާ އެމްޑީޕީން ބޭއްވި ޖަލްސާގައި އެޕާޓީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ އެއީ ވަރަށް ނުރައްކާތެރި ސިގްނަލެއް ކަމަށެވެ. އެކަން ފައްޔާޒު ސިފަކުރެއްވީ ވިރާސީ ވެރިކަމަކާ ދިމާއަށް ރައީސް މުއިއްޒު މިސްރާބު ޖެއްސެވުމާއެވެ.
ފައްޔާޒު ވިދާޅުވީ ރިފަރަންޑަމްއަށް ގެންދަން އިއުލާނުކުރެއްވި ކަންކަމަކީ ވިރާސީއަކަށް ބަދަލުކުރުމަށް ޑރ.މުއިއްޒުގެ ނުބައި ރޭވުމެއްގެ ތެރެއިން ކުރެވޭ ކަމެއްކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ޚަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާ މަޖިލިސް އިންތިޚާބު އެއްކޮށްލުމުގެ ވާހަކަ ދައްކަނީ ޤާނޫނު އަސާސީގައި އޮތް ފާރަވެރި ދައުލަތެއްގެ ސިފަ ގެއްލުވާލަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
" މިއީ ވަރަށް ނުރައްކާތެރި ސިގްނަލެއް. ރައްޔިތުންނަށް އޮންނަންވާނެ ހައްގު, ވެރިކަމަށް ބަޔަކު ގެނެސްފައި އެވެރިކަން އޮބަހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލިސް ނިންމާނެ ގޮތުގެ." ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ މިހާރު ރައީސް ޑރ.މުއިއްޒު ކުރައްވަން އުޅުއްވާ ކަމަކީ ފައިސާއާއި ބާރާއި ނުފޫޒުގެ ތެރެއިން ވެރިކަމާއި މަޖިލިސް އެއްކޮށް ނިގުޅައިގަތުމުގެ މަސައްކަތް ކަމަށެވެ. މިއީ އެއްގޮތަކަށްވެސް ދޫކޮށްލައިގެން ތިބެވޭނެ ކަންކަމެއްނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ފައްޔާޒު ވަނީ ޚަރަދު ކުޑަކުރުމަށް އިންތިޚާބުތައް މަދުކުރާނަމަ 2026 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާ އެއްކޮށް ރިޔާސީ އިންތިޚާބު ބާއްވަން ގޮވާލައްވާފައެވެ. ރައީސް މުއިއްޒު މިހާރު ގެންގުޅުއްވަނީ އެހެން މެނިފެސްޓޯއެއްކަމަށް ވިދާޅުވެ, ފައްޔާޒު އެދިވަޑައިގަތީ މިހާރު ގެންގުޅުއްވާ މެނިފެސްޓޯއާ އެއްކޮށް އަލުން ރައްޔިތުންގެ ކުރިމައްޗަށް ނިކުމެވަޑައިގަތުމަށެވެ.
އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުވާ ގޮތަށް ނިންމެވުން ފައްޔާޒު ސިފަކުރެއްވީ ވެރިކަމުގައި ހުންނަވާ ވޯޓްފޮށިތައް އަނެއްކާވެސް މާލެ ގެނެސް އޮޅުވާލާ ކުރީގެ ނިޒާމަށް އަނބުރާ ދިއުމުގެ ގޮތުގައެވެ. އެ ކަންކަމަކަށް މަޑަކުން ނުތިއްބަވާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިއިން އެއްވެސް ކަމެއް އެގޮތަށް ނިންމަވާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަންކަމާމެދު ރައްޔިތުން ދެކެވަޑައިގަންނަވާ ގޮތެއް ރައްޔިތުން ކައިރިން އައްސަވަން ގަސްތުކުރައްވާ ކަމަށެވެ. އެފަދަ ކަމެއް ނިންމަވާނީ ރައްޔިތުން ނިންމަވާ ގޮތެއްގެ މަތީން ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް