އިޒްރޭލް ޕާސްޕޯރޓްގެ މައްސަލަ ނިންމަން ކޮމިޓީން ފާސްކުރީ އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް
އިޒްރޭލް ޕާސްޕޯރޓްގެ މައްސަލަ ނިންމަން ނިންމުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ދަންމާލަން ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން ފާސްކޮށްފިއެވެ. ކޮމިޓީގައި އޮންނަތާ ފަސް މަސްވީ ބިލް ނިންމާނެ ޓައިމްލައިނެއް ކަނޑައަޅަން ބޭއްވި ބައްދަލުވުމުގައި ވޯޓްގެ ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ފާސަކުރެއްވީ ފެބްރު އަރީގެ ނިޔަލަށް މަސައްކަތް ނިންމުމަށެވެ.
މިއަހަރު އެބިލްގެ މަސައްކަތް ނުނިންމޭނެ ކަމަށް ކޮމިޓީ މެމްބަރުން ވިދާޅުވިއެވެ. އަދި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންގޮތަށް ބައެއް މެންބަރުން ވާހަކަ ދެއްކެވިއެވެ. އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އެބިލަކީ ސިޔާސީ ގޮތުން ސަރުކާރަށް ޕްރެޝަރުކޮށް, ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުކުރުވަން ހުށަހެޅުއްވި ބިލެއްގެ ގޮތުގައިވެސް މެމްބަރުން ސިފަކުރެއްވި އެވެ. އަދި އެބިލް ފާސްކުރުމަކީ އިގްތިޞާދީ މިދަތިކަމުގެ ތެރެއިން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއްގެ ގޮތުގައިވެސް މެމްބަރުން ވިދާޅުވިއެވެ. މެމްބަރުންގެ ރޫހު ހުރީ މިވަގުތު ބަޖެޓް މަސައްކަތަށް ފޯކަސް ކުރުމަށެވެ.
އިމިގްރޭޝަންގެ ޤާނޫން އިސްލާހު ކުރުމަށް ހުށަހެޅުއްވި ބިލްގައި މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައިވަނީ އިޒްރޭލް ޕާސްޕޯޓެއް އޮތް މީހަކަށް ރާއްޖެ އެތެރެނުވެވޭނެ ކަމަށެވެ. އެއީ އެހެން ގައުމެއްގެ ޕާސްޕޯޓެއްގައިވިޔަސް މެއެވެ. އެބިލް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.
ރިއެކްޝަންސް