ހުޅުމާލޭ ލަކުޑި ޖެޓީއަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި
ހުޅުމާލޭ ފަޅުތެރެއަށް ވަތް ބާޖަކުން ޖެހި، އެ ރަށު ލަކުޑި ޖެޓީގެ އުތުރު ފާލަމަށް ލިބުނު ބޮޑެތި ގެއްލުންތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ.
މި ހާދިސާގައި ލަކުޑި ޖެޓީގެ ސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެޗްޑީސީން ބުނީ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ކޯޕަރޭޝަނުގެ އެންމެ އިސް އަމާޒު ކަމަށެވެ. އެހެންކަމުން، މަރާމާތުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެ ޖެޓީގެ އުތުރު ފާލަން މިހާރު ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.
ހުޅުމާލޭ ލަކުޑި ޖެޓީއަކީ ގިނަ އަދަދެއްގެ އާންމުންނާއި އުޅަނދުފަހަރުން ބޭނުންކުރާ މުހިންމު ތަނަކަށް ވާތީ، މި މަސައްކަތް ވީހާވެސް އަވަހަށް ނިންމައި، އަލުން ހިދުމަތަށް ހުޅުވާލުމަށް އެޗްޑީސީން އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.
ޖެޓީ ބަންދުކޮށްފައިވާ މުއްދަތުގައި ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ. އެ ކޯޕަރޭޝަނުން އިތުރަށް ބުނި ގޮތުގައި، އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލޭގައި ގާއިމްކުރެވިފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަ މަގަކުން ބައްޓަންކުރުމެވެ.
ރިއެކްޝަންސް





