ނިމިދިޔަ ޖުލައި މަހު މަސްވެރިން ކިރުވި މަހަށް މިފްކޯއިން 49.7 މިލިއަން ރުފިޔާ ދޫކޮށްފި
ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި މަސްވެރިން ކިރުވި މަހަށް 49.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ހާމަކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޖުމްލަ 822 އުޅަނދަކަށް 49,759,961 (ސާޅީސް ނުވަ މިލިއަން ހަތް ލައްކަ ފަންސާސް ނުވަ ހާސް ނުވަ ސަތޭކަ ފަސްދޮޅަށް އެއް ރުފިޔާ) ވަނީ ދޫކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި މަސްވެރިން ޖުމްލަ 2,474.8 ޓަނުގެ މަސް މިފްކޯއަށް ކިރުވާފައިވެއެވެ.
ތަފްސީލީ ގޮތެއްގައި ބަލާއިރު، 539 ދޯނިން ކިރުވި 2,400.4 ޓަނުގެ ކަޅުބިލަމަހަށް 47,959,840 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ބޮޑުކަންނެލި މަސްވެރިކަމަށް ބަލާއިރު، 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 98 ދޯންޏަކަށް 234,100 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 185 ދޯންޏަކަށް 1,566,021 ރުފިޔާ މިފްކޯއިން ވަނީ ޖަމާކޮށްދީފައެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުން އަންނަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދޫކޮށް، މަސްވެރިންނަށް ހުރި މާލީ ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިފްކޯއިން ބުނިގޮތުގައި، މަސްވެރިން ކިރުވާ މަހަށް ލަސްނުކޮށް ފައިސާ ދޫކުރުމަށް އެ ކުންފުނިން އަބަދުވެސް އިސްކަންދެއެވެ. މިއީ މަސްވެރިކަމުގެ ސިނާއަތަށް މަސްވެރިންގެ އިތުބާރު ބޮޑުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ރިއެކްޝަންސް

