ހުޅުމާލޭ ފޭސް 2 ގެ ކުނި ނައްތާލުމަށް 9 މަސް ތެރޭގައި 13.5 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކޮށްފައިވާ އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދަށް ގަވާއިދާ ހިލާފަށް އުކާލާ ކުނި ސާފުކުރުމަށް، ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި 13.5 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
އެފްޑީސީން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ އާންމު ސަރަހައްދުތަކުން ނަގައި ސާފުކޮށްފައެވެ. އެ ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި، އެއް ޓަނު ކުންޏަކީ ގާތްގަނޑަކަށް 133 ކޮތަޅުގެ ކުންޏެވެ.
ކުނި ނައްތާލުމަށް ކުރި ހޭދައިގެ ތަފްސީލު:
- އޮކްޓޫބަރު 2023 - މާރިޗު 2024: 3,178 ޓަނުގެ ކުނި ނައްތާލުމަށް 8.45 މިލިއަން ރުފިޔާ.
- އޭޕްރީލް 2024: 75,100 ރުފިޔާ.
- މެއި 2024 - ޖޫން 2024: 1,862 ޓަނުގެ ކުނި ނައްތާލުމަށް 4.95 މިލިއަން ރުފިޔާ.
އެފްޑީސީން ބުނީ މިހާ ބޮޑު ހޭދައެއް ކުރަން ޖެހުނީ، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އާންމު ސަރަހައްދުތަކަށް އެކި ބާވަތުގެ ކުނި އުކާލުމުގެ ސަބަބުން ކަމަށެވެ. މިގޮތަށް އަމަލުކުރުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުންނާއި ކޯޕަރޭޝަނުން ކުރަންޖެހޭ ހޭދަ ނިސްބަތުން ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަމާން ޓަވަރުތަކަށް މީހުން ބަދަލުވާން ފަށާފައިވާއިރު، ޓަވަރުތައް ކައިރިއަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވެ، އާންމުންގެ ޝަކުވާ ވަނީ އިތުރުވެފައެވެ. މިކަމާ ގުޅިގެން އެފްޑީސީން އަންނަނީ ކުނި އަޅާ ފަރާތްތައް ޖޫރިމަނާ ކުރަމުންނެވެ. އެހެންނަމަވެސް، އަދިވެސް މި މައްސަލައަށް ދާއިމީ ހައްލެއް ލިބިފައި ނުވާތީ، ކުނި އުކާލުމުގައި ޒިންމާދާރުވުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް





