
ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގައި ދިވެއްސަކަށް އަނިޔާއެއް ނުވޭ- ފޮރިންގ މިނިސްޓްރީ
މިއަދު ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގައި ދިވެއްސަކަށް އަނިޔާއެއް ނުވާ ކަމަށް ފޮރިންގ މިނިސްޓްރީން ބުނެފިއެވެ. އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގިނަ އަދަދަކަށް ދިވެހިން ގޮސްއުޅޭ ތައިލެންޑްގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ރަނގަޅުކަން މިހާތަނަށް ބެލިބެލުމުން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
މިނިސްޓްރީން ވިދާޅުވީ ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ދެ ޤައުމުގެ ހާލަތު މޮނިޓަރ ކުރަމުން ގެންދަވާ ކަމަށެވެ. މިގޮތުން، ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް މިނިސްޓްރީ އިން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
"
މިހާތަނަށް ބެލިބެލުމުން އެ ޤައުމުގައި ދިރިއުޅޭ ދިވެހިންގެ ޙާލުރަނގަޅުކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯ ބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މިދަނީ މަސައްކަތް ކުރަމުންނެވެ." ބަޔާނުގައި ވެއެވެ.
މި ކާރިސާއާ ގުޅިގެން ތައިލެންޑާއި މިޔަންމާއިން ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ. އެހެންކަމުން އެ ދެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ސަމާލުވެ, އެއާ އެއްގޮތަށް ޢަމަލު ކުރުމަށް، އެ ދެ ޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް ފޮރިންގ މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މި ކާރިސާއާ ގުޅިގެން، ތައިލެންޑްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު އެހީތެރިކަމެއް ބޭނުންވެއްޖެނަމަ ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ވަނީ އެދިފައެވެ.
މިޔަންމާގައި މިވަގުތު އެއްވެސް ދިވެހި ރައްޔިތެއް ހުރިނަމަ އަދި އެ އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ، ވެސް ގުޅޭނެ ނަމްބަރެއް މިނިސްޓްރީން ވަނީ ބަޔާނުގައި ފާހަގަކުރައްވާފައެވެ.
އެމްބަސީ ހޮޓްލައިން ނަންބަރު: 611766502 66+
މިނިސްޓްރީ ހޮޓްލައިން ނަންބަރު:9607983400+
ރިއެކްޝަންސް






