
މީޑިޔާ ބިލް ފާސްކުރީ އިސްލާހުތަކަކާއެކު
ނޫސްވެރިންގެ ޖަމްއިއްޔާ އާއި މޯލްޑިވްސް މީޑިޔާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނުންވެސް ކަންބޮޑުވުން ފާޅުކުރި މީޑިޔާ ބިލް ފާސްކުރުމުގެ ކުރިން އެކަންބޮޑުވުންތަކަށް ހައްލު ލިބޭ އިސްލާހުތަކެއް ހުށަހަޅައިފިއެވެ. ބިލް މިރޭ ފާސްކުރީ އެ އިއިސްލާހުތަކާއެކުއެވެ.
ބިލް ފާސްކުރުމުގެ ކުރިން ގެނައި އިސްލާހުތަކުގެ ތެރޭގައި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭގޮތަށް އޮތް މާއްދާ އުނިކުރުން ހިމެނެއެވެ. އަދި އެއް އަހަރު ކުރީގެ މައްސަލަތައް ބެލޭގޮތަށް އޮތް މާއްދާވެސް އުނިކުރިއެވެ.
ޖޫރިމަނާގެ ބަދަލުގައި މިހާރު އޮތީ މަޢާފަށް އެދުމާއި, ކޮމިޝަނުން އަންގާގޮތެއްގެ މަތީން ކުށް އިސްލާހުކުރުމެވެ. ނަމަވެސް ސުލޫކީ މިންގަނޑާ ހިލާފްވެއްޖެނަމަ އެމީޑިޔާއެއް ޖޫރިމަނާ ކުރުމުގެ ބާރު ޤާނޫނުގެ ދަށުން އުފައްދާ މީޑިޔާ ކޮމިޝަނަށް ލިބިދެއެވެ.
މީގެއިތުރުން މަޖިލިހަށް ނަން ފޮނުއްވައިގެން ކޮމިޝަނަށް ތިން މެމްބަރަކު އައްޔަން ކުރުމާއި, ކޮމިޝަންގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް އޮތް މާއްދާވެސް އިސްލާހުކޮށް, ރައީސްގެ ދައުރެއް ނޯންނަ ގޮތަށް ބަދަލުކުރިއެވެ. މިހާރު އޮތްގޮތުން ތިން މެމްބަރުން އައްޔަން ކުރުމުގެ ބާރު ލިބެނީ މަޖިލިހަށެވެ. 4 މެމްބަރުން އިންތިޚާބުކުރަނީ މީޑިޔާތަކުންނެވެ.
ކޯޓް މަރުހަލާގެ ކުރިންވެސް މީޑިޔާއެއް ވަގުތީގޮތުން ހުއްޓާލުމުގެ ބާރު ލިބިދޭ ގޮތަށް އޮތް މާއްދާވެސް އިސްލާހުކޮށް މިހާރު އޮތީ ކޯޓުން 30 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭ ގޮތަށެވެ.
ބިލް ފާސްކުރީ 60 މެމްބަރުންގެ ވޯޓުންނެވެ.
ރިއެކްޝަންސް






