ހިޖުރީ އައު އަހަރުގެ ބަންދުގައިވެސް ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް އެމްޕީއެލްއިން ކުރިއަށްގެންދަނީ

ހިޖުރީ އައު އަހަރުގެ ބަންދުގައިވެސް ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް އެމްޕީއެލްއިން ކުރިއަށްގެންދަނީ

5 hours ago - 19:06

ހިޖުރީ އައު އަހަރު ފެށޭ ދުވަހަކީ ޕޯޓް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް (ޕެރިޝަބަލް މުދާ) ވީހާވެސް އަވަހަށް ކްލިއަރކުރުމުގެ މަސައްކަތް މިއަދާއި މިރޭ ވެސް ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.


އެމްޕީއެލް އިން މިއަދު ބުނީ، އެ ކުންފުނިން އަމަލުކުރަމުންދާ ޚާއްސަ އުސޫލުގެ ދަށުން މާލެ ވިޔަފާރި ބަނދަރުގައި މިއަދު ވެސް އަވަހަކަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ބޭލުމުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށެވެ. މިއީ ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށާއި، މުދާ ހަލާކުވިޔަ ނުދިނުމަށްޓަކައި އެ ކުންފުނިން އިސްކަންދޭ ކަމެއްކަން އެމްޕީއެލްއިން ފާހަގަކުރެއެވެ.


މި މަސައްކަތުގެ ތަފްސީލު ހިއްސާކުރަމުން އެމްޕީއެލްއިން ބުނީ، ޖެނެރަލް ކާގޯ ވެސަލް "ސީ އެންޖަލް" އިން މުދާ ބޭލުމުގެ މަސައްކަތް ވަނީ މިއަދު ހަވީރު ފުރިހަމަކޮށްފައެވެ. މި ބޯޓުން  ގިނަ އަދަދއްގެ ބިހާއި، ފިޔާ އަދި އަލުވި ވަނީ ބާލައިފައެވެ.

ޖެނެރަލް ކާގޯ ވެސަލް "ނަވާލް" އިން މުދާ ހުސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މި އުޅަނދުންވެސް  މައިގަނޑު ގޮތެއްގައި ބާލާނީ ފިޔާ، އަލުވި އަދި ބިހެވެ.

ޕޯޓު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، މިއަދު މެންދުރު 1:30 އާ ހަމައަށް  ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ ޚިދުމަތް މި ކުންފުނިން ވަނީ މުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދީފައެވެ.

 އަދި ޚާއްސަ އިންތިޒާމްތަކުގެ ދަށުން މިރޭ 20:00 އިން ފެށިގެން ޕެރިޝަބަަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow