މާލެ ސަރަހައްދުން 5 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، ފަސް ތަނެއް ބަލައި ފާސްކޮށް ފަސް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ އަދި ހުޅުމާލޭގެ ހިމެނޭހެން ފަސް ސަރަހައްދެއްގައެވެ. މި ފާސްކުރުންތަކުގެ ތެރޭގައި ޖުމްލަ 16 ބިދޭސީއެއްގެ މައުލޫމާތު ސާފުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އޭގެ ތެރެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާކަން ފާހަގަކުރެވުނު ފަސް ބިދޭސީންނެވެ.
މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ސިލްސިލާކޮށް ހިންގަމުންދާ ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އިމިގްރޭޝަނުން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަންތަކުގައި ބަންދުކުރެވޭ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމުގެ އިދާރީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ގަވާއިދާ ހިލާފަށް ދިރިއުޅެ، އަމިއްލައަށް ވިޔަފާރިކޮށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަމާޒުކޮށްގެން ހިންގާ ހާއްސަ އޮޕަރޭޝަނެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ރިއެކްޝަންސް





