ލޭ ހަދިޔާކުރެއްވެން އޮތް ކޮންމެ ބޭފުޅަކުވެސް ލޭ ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

ލޭ ހަދިޔާކުރެއްވެން އޮތް ކޮންމެ ބޭފުޅަކުވެސް ލޭ ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

2 hours ago - 01:33
Advertisement
Advertisement

މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރީންނަށް ކަމުގައި ވީ ނަމަވެސް، ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް ކަމަށާ، ލޭ ހަދިޔާކުރެއްވެން އޮތް ކޮންމެ ބޭފުޅަކުވެސް ލޭ ހަދިޔާކުރައްވައި، އެ ފުރުޞަތުގެ ދަރުމަ ހޯއްދަވާ، އިންސާނިއްޔަތަށް އެ ޚިދުމަތް ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިފަދައިން ގޮވާލެއްވީ، ދުނިޔޭގެ ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ކުރިއަށްދިޔަ މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ސަބަބުތަކެއްވާކަން ފާހަގަކުރައްވައި، ލޭ ހަދިޔާކުރައްވާ ބޭފުޅުންނަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން ޚާއްޞަ ޝަރަފުވެރި ބައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ލޭ ހަދިޔާ ކުރައްވާ ބޭފުޅުންގެ ޝަރަފުގައި ޚާއްޞަ ދުވަހެއް ފާހަގަކުރެވޭ އެންމެ ޚާއްޞަ އެއް ސަބަބަކީ އެ މަތިވެރި އިންސާނީ ޞަދަޤާތަށް ހިތްވަރުދީ، އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޖާނުން ހޭދަވުމުގެ އިންސާނީ މަތިވެރި އަޚްލާޤު އާލާކޮށް، އިންސާނީ މުޖުތަމަޢުގައި ކުލުނާއި އިޙްތިރާމު އާލާކުރުންކަމުގައި ފާހަގަކުރައްވާ، މި އަގުހުރި ޚިދުމަތުގައި ދެމިތިއްބެވި ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ލޭ ހަދިޔާކުރުމަށް ބިރުގަނެ، ފަސްޖެހޭ ފަރާތްތަކަށްވެސް އެކަމަނާ ވަނީ، އިންސާނިއްޔަތުކަމުގެ މި އަގުހުރި ޚިދުމަތުގެ ދަރުމަ ލިބިގަތުމަށް ހިތްވަރުދެއްވާފައެވެ.

ހަފްލާގައި، ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާ ފަރާތްތަކާއި އަލަށް ލޭ ހަދިޔާ ކުރައްވަން ފެއްޓެވި އުމުރުން 18 އަހަރު ވީ ފަރާތްތަކާއި، ފާއިތުވި އަހަރު އެންމެ ގިނައިން ބްލަޑް ޑޮނޭޝަން ކޭމްޕް ބާއްވައި، ބްލަޑް ޑޮނޭޝަން ކޭމްޕްތަކުން އެންމެ ގިނައިން ލޭހަދިޔާ ކުރެއްވި ފަރާތަށް، ހަނދާނީ ލިޔުން އަދި ހަނދާނީ ފިލާ ހަވާލުކުރެއްވުން އޮތެވެ. އަދި ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ގޯލްޑް އެވޯޑް މިރޭގެ ޙަފުލާގައި ހަވާލުކުރައްވާފައިވެއެވެ.

ހަމަމިއާއެކު، މިހާތަނަށް އެންމެ ގިނައިން ލޭހަދިޔާ ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް ހަވާލުކުރެއްވުން ވެސް އޮތެވެ. މި ނަންބަރު ފުރިހަމަކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ތިމާގެ ހަށިގަނޑުގެ ލޭ، އެއްވެސް ބަދަލަކާ ނުލައި ހަދިޔާކުރައްވާ ލޭ ހަދިޔާކުރުންތެރީންގެ ޝަރަފުގައި، ބައިނަލްއަޤުވާމީ ފެންވަރުގައި ދުނިޔޭގެ ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި މިރޭ އޮތް ހަފްލާގައި، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތެރީންނާއި، ލޭ ހަދިޔާކުރައްވާ ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement