އައްޑޫ މަރަދޫފޭދޫގައި މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފި

އައްޑޫ މަރަދޫފޭދޫގައި މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފި

3 hours ago - 20:16
Advertisement
Advertisement

އައްޑޫސިޓީގެ މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނެއް، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ބަންދުކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނީ މަރަދޫފޭދޫ "އުއްމީދުގެ" އެވެ. އެ ތަން ބަންދުކުރުމަށް ކޯޓުން އަމުރު ނެރެފައިވަނީ 90 ދުވަހުގެ މުއްދަތަށެވެ. މިއީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ބާރުގެ ބޭނުންކޮށްގެން މަރަދޫފޭދޫ ކޯޓުން ނެރުނު މިފަދަ ފުރަތަމަ އަމުރުކަން ފާހަގަކޮށްލެވެއެވެ.


މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ބުނާ ގޮތުން، މިފަދައިން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ ތަންތަން ބަންދުކޮށްފައިވާ މުއްދަތުގައި އެ ތަންތަނަށް ވަދެނުކުތުމަކީ ޤާނޫނީ ކުށެކެވެ. ފުލުހުންގެ އިދާރާއިން ވަނީ އެފަދަ ތަނަކަށް ހުއްދައާ ނުލައި ވަނުމާއި، އެ ތަންތަނަށް ގެއްލުން ދިނުން ފަދަ އަމަލުތަކަކީ ޤާނޫނުގައި ހަރުކަށި ފިޔަވަޅު އެޅޭނެ ކުށްތައްކަން ހަނދާންކޮށްދީފައެވެ.


މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން ބަންދުކުރުމުގެ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން، ދާދިފަހުން އައްޑޫސިޓީ ހިތަދޫގެ ގެއެއް ވެސް ވަނީ ބަންދުކޮށްފައެވެ. މި ހިނގާ ޖޫން މަހުގެ 8 ވަނަ ދުވަހު 90 ދުވަހުގެ މުއްދަތަށް ބަންދުކުރި ހިތަދޫ "ލާމިޔާގެ" އަށް، އެ ތަން ބަންދުކޮށްފައި ހުއްޓާ ޤަވާއިދާ ޚިލާފަށް ވަތް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.


މީގެ އިތުރުން، ފުވައްމުލައް ސިޓީގެ ފުނާޑު އަވަށުގައި ހުންނަ "ގުލިސްތާނުގެ" ވެސް ވަނީ މިދިޔަ މޭ މަހު ބަންދުކޮށްފައެވެ. އެ ތަނަކީ މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުމުގެ ޚިދުމަތްދޭ "ކެފޭ" އެއްގެ ގޮތުގައި ތުހުމަތުކުރެވޭ ތަނެކެވެ.


ފުލުހުން ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، މިފަދަ ތަންތަން ބަންދުކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement