އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް މިރޭ ފަށަނީ
އަމީނީ މަގު މަރާމާތު ކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، އެ މަގުގެ ބައެއް ސެގްމަންޓްތައް މަރާމާތު ކުރުމުގެ މަސައްކަތް މިރޭ ފެށުމަށް ނިންމާފައިވާ ކަމަށް އެމް.ޓީ.ސީ.ސީ އިން ހާމަކޮށްފިއެވެ.
އެމް.ޓީ.ސީ.ސީ އިން ބުނީ އަމީނީ މަގުގެ ސެގްމަންޓް އެކެއް މަރާމާތު ކުރުމުގެ މަސައްކަތް މިރޭ ދަމުން ބައި (00:00) ގައި ފަށާނެ ކަމަށެވެ. މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އަމީނީ މަގުގެ އިއްޒުއްދީން މަގާ ދިމާވާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ. މަގު ބަންދުކުރުމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައެވެ.
މަގުގެ ބައެއް ބަންދުކުރުމާ ގުޅިގެން އާރު.ޓީ.އެލް ބަހުގެ ޚިދުމަތަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން އޯކިޑް ރޫޓްގެ ބަސްތައް ދަރުމަވަންތަ ބަސް ހުއްޓިއަށް މަޑުކުރުމުގެ ބަދަލުގައި ދެން މަޑުކުރާނީ ވެސްޓްޕާކު ބަސް ހުއްޓިއަށެވެ. އަދި ސެގްމަންޓް އެކެއްގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރ، އައި.ޖީ.އެމް.އެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް އެ ރޫޓްގެ ބަސްތައް މަޑެއް ނުކުރާނެއެވެ.
މީގެ އިތުރުން، އަމީނީ މަގުގެ މި ސެގްމަންޓްގެ މަސައްކަތް ނިމެންދެން "އަމީނީ ރޫޓް" ގެ ބަހުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް އެމް.ޓީ.ސީ.ސީ އިން ބުނެއެވެ. އަދި R1, R3, R7 އަދި R15 ރޫޓުތަކުގެ ބަސްތައް މާލޭގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށެވެ. މި ބަދަލާއެކު، މަސައްކަތް ނިމެންދެން ފުޑް ކޯޓު، ދަރުމަވަންތަ އަދި ވެސްޓް ޕާކު ބަސް ހުއްޓިތަކަށް މި ރޫޓްތަކުގެ ބަސްތައް މަޑުނުކުރާނެކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އަމީނީ މަގަކީ މާލޭގެ އެންމެ ބޮޑު އެއް މަގަށް ވެފައި، މި މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ދަތުރުފަތުރުގެ ނިޒާމަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެމް.ޓީ.ސީ.ސީ އިން ވަނީ މައާފަށް އެދިފައެވެ.
ރިއެކްޝަންސް





