ރާއްޖޭގައި ފަސް އެއާޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ: ވަޒީރު މުއްޠަލިބު

ރާއްޖޭގައި ފަސް އެއާޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ: ވަޒީރު މުއްޠަލިބު

6 hours ago - 21:45

ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ ފަސް އެއާޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.


ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، ރާއްޖޭގައި މިވަގުތު އަމަލީ ގޮތުން މަސައްކަތް ހިނގަމުންދާ އެއާޕޯޓްތަކުގެ އަދަދާއި އެ މަޝްރޫޢުތައް ނިންމުމަށް އިތުރަށް ބޭނުންވާ ފައިސާގެ އަންދާޒާއާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.


މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވި އެ ޖަވާބުގައި ވަޒީރު ވިދާޅުވީ، އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮންޓްރެކްޓް އުސޫލުން ފަސް އެއާޕޯޓެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެ ފަސް އެއާޕޯޓުގެ މަސައްކަތް ނިންމުމަށްޓަކައި މިހާރު ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، ލ. އިސްދޫ ކަލައިދޫ އެއާޕޯޓްގެ މަޝްރޫޢު އަދި ކޮންޓްރެކްޓް ކުރެވިފައި ނުވާތީ، އެ މަޝްރޫޢަށް ބޭނުންވާ 600 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިގެން ހަމަޖައްސާފައިވާ ކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.


މީގެއިތުރުން، މިނިސްޓްރީގެ ދަށުން ފެށިފައިވާ ހުރިހާ މަޝްރޫޢުތައް އެއްކޮށް ނިންމުމަށްޓަކައި ގާތްގަނޑަކަށް 58.8 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ލަފާކުރެވޭ ކަމުގައި ވަޒީރު ހާމަކުރެއްވިއެވެ. އަދި މި އަހަރު މަޝްރޫޢުތައް ކުރިއަށްގެންދަނީ ޕްރޮގްރާމް ބަޖެޓެއްގެ ދަށުން ކަމަށްވާތީ، ކަނޑައެޅިފައިވާ ޕްލޭނާ އެއްގޮތަށް މާލީ ވުޒާރާއިން ފައިސާ ހަމަޖައްސައިދެމުން ގެންދާނެ ކަމަށްވެސް މަޖިލީހަށް ފޮނުއްވި ޖަވާބުގައި ބަޔާންކުރައްވާފައިވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow