2028 ވަނަ އަހަރުގެ ޕީއެންސީގެ ރިޔާސީ ޓިކެޓު ޕްރައިމެރީއަކާ ނުލައި ރައީސް ޑރ. މުޢިއްޒަށް ދިނުމަށް ފާސްކޮށްފި
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް، އެއްވެސް ޕްރައިމެރީއަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސުމަށް އެ ޕާޓީގެ މަތީ މަޖިލީހުގެ ކޮންގްރެސްއިން މިއަދު ފާސްކޮށްފިއެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ ޕީއެންސީގެ މަތީ މަޖިލީހުގެ މި ބައްދަލުވުމަށް މި ކުއްލި ޤަރާރު ހުށަހެޅުއްވީ އެ ޕާޓީގެ މެންބަރު ޢަބްދުﷲ އިބްރާހީމެވެ. އޭނާ ހުށަހެޅުއްވި ޤަރާރުގައި ފާހަގަކުރައްވާފައިވަނީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ޤައުމުގެ މިނިވަންކަމާއި، އިޤްތިޞާދާއި، އިޖުތިމާޢީ ދުޅަހެޔޮކަމަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ކަމަށާއި، އެހެންކަމުން އެމަނިކުފާނަށް ޕްރައިމެރީއަކާ ނުލައި ޕާޓީގެ ރިޔާސީ ޓިކެޓު އަރުވަންޖެހޭ ކަމަށެވެ.
މި ޤަރާރުގައި ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ހާސިލުކުރައްވާފައިވާ މުހިންމު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި:
ޤައުމީ ސިޔާދަތާއި މިނިވަންކަން: ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ޒަމާނީ އަސްކަރީ ވަސީލަތްތަކާއެކު އަމިއްލައަށް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރައްވައި، ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ރާއްޖޭގެ ފަސްގަނޑުގައި ނެތްކަން ކަށަވަރުކޮށްދެއްވުން.
މާލީ އަދި އިޤްތިޞާދީ އިޞްލާޙުތައް: ޤައުމުގެ ދަރަނިތައް ޒިންމާދާރުކަމާއެކު އަދާކުރައްވަމުން، ފަތުރުވެރިކަމާއި މަސްވެރިކަން ޒަމާނީކުރުމާއި، އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ފަދަ ޑިޖިޓަލް އިޤްތިޞާދީ ވަސީލަތްތައް ތަޢާރަފުކުރެއްވުން.
އިޖުތިމާޢީ އަދި ބޯހިޔާވަހިކަން: ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް "ރަސްމާލެ" ފަދަ ބިޔަ މަޝްރޫޢުތައް ފެއްޓެވުމާއި، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށް ކުރައްވާ މަސައްކަތްޕުޅުތައް.
ޚާރިޖީ ސިޔާސަތާއި ޤައުމިއްޔަތު: ދިވެހި ޤައުމިއްޔަތާއި އިސްލާމީ ވަހުދަތު ދަމަހައްޓަވައި، "ދިވެހީންގެ ރާއްޖެ" އިސްކުރާ ޚާރިޖީ ސިޔާސަތެއް ކުރިއަށް ނެރުއްވުން ހިމެނެއެވެ.
މި ޤަރާރު ކޮންގްރެސްއަށް ހުށަހެޅުމާ ގުޅިގެން، ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، މިއީ ކުރިން ރޭވިގެން ނުވަތަ އަންދާޒާކޮށްގެން އައި ހުށަހެޅުމެއް ނޫން ކަމަށެވެ. ނަމަވެސް، ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މި ޤަރާރަށް ބަހުސްކުރުމުގެ ފުރުޞަތު ހުޅުވާލުމުން، ބައްދަލުވުމުގައި ބައިވެރިވި ގިނަ އަދަދެއްގެ މެންބަރުން ވަނީ މި ނިންމުމަށް ފުރިހަމައަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައެވެ. އަދި ފުޅާ ދާއިރާއެއްގައި ކުރެވުނު ބަހުސަށްފަހު، މި ޤަރާރު ވަނީ ރަސްމީކޮށް ފާސްކޮށްފައެވެ.
ޢާންމު އުޞޫލުން ސިޔާސީ ޕާޓީތަކުގައި ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަނީ ޕާޓީގެ އެތެރޭގެ ޕްރައިމެރީއަކުން ކަމަށް ވީނަމަވެސް، ޕާޓީގެ އަސާސީ ޤަވާއިދު ތަންދޭގޮތުން، އެންމެ މަތީ ނިންމުންތައް ނިންމާ ކޮންގްރެސްގެ އަޣްލަބިއްޔަތުން ޤަރާރެއް ފާސްކޮށްގެން ޕްރައިމެރީއަކާ ނުލައި ޓިކެޓު އެރުވުމުގެ އިސްތިސްނާ ބާރު ޕީއެންސީގެ މަތީ މަޖިލީހަށް ލިބިގެންވެއެވެ.
ރިއެކްޝަންސް

