މާލެއާއި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ސަރުކާރުން ފަށާފައިވާ "ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" ގެ ދަށުން، މިހާތަނަށް 839 ފަރާތަކަށް ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީގެ އެންމެ ފަހުގެ އަދާހަމަ ރިޕޯޓްތައް ދައްކާ ގޮތުން، ބޭންކުތައް މެދުވެރިކޮށް މިހާތަނަށް އެޕްރޫވް ކުރެވުނު ލޯނުތަކުގެ ޖުމްލަ އަދަދު 1,084,537,557.48 (އެއް ބިލިއަން އަށްޑިހަ ހަތަރު މިލިއަން ފަސްސަތޭކަ ތިރީސް ހަތްހާސް ފަސްސަތޭކަ ފަންސާސް ހަތް ރުފިޔާ ސާޅީސް އަށް ލާރި) އަށް އަރައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިފްތިތާހު ކުރި މި ސްކީމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިހާތަނަށް އެކި ކެޓަގަރީތަކުން ގިނަ އަދަދެއްގެ އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. އެގޮތުން ހުށަހެޅިފައިވާ އެޕްލިކޭޝަންތަކުގެ ތަފްސީލަކީ:
- ރަށްވެހި ހިޔާވެހި: 1,329 އެޕްލިކޭޝަން
- ސަހަރު ހިޔާވެހި: 586 އެޕްލިކޭޝަން
- ފަހިމާލެ ހިޔާވެހި: 341 އެޕްލިކޭޝަން
ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމަކީ ސަރުކާރުން ސީދާ ރައްޔިތުންނަށް ދޫކުރާ ލޯނެއް ނޫނެވެ. މިއީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް، އެންމެ 5 އިންސައްތައިގެ ފައިދާގައި ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ. މީގެ އިތުރުން، މި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދެއެވެ.
މި ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ:
- ރަށްވެހި ހިޔާވެހި ސްކީމް (ރަށްރަށަށް): އެއްވެސް އިކުއިޓީއަކާ ނުލައި 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ.
- ސަހަރު ހިޔާވެހި ސްކީމް (އާބަން ސެންޓަރުތަކަށް): 5 އިން 10 ޕަސެންޓާ ދެމެދުގެ އިކުއިޓީއަކާއެކު 3 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ.
- ފަހިމާލެ ހިޔާވެހި ސްކީމް (މާލެ ސަރަހައްދަށް): 5 އިން 10 ޕަސެންޓާ ދެމެދުގެ އިކުއިޓީއަކާއެކު 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ.
މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ހިމެނޭ ގޮތަށް ސަރުކާރުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަން ބިނާކުރުމަށްޓަކައި މިހާތަނަށް ތައާރަފްކުރެވުނު އެންމެ ބޮޑު އަދި އެންމެ ލުއި ފަސޭހަ ފައިނޭންސިންގ ޕްރޮގްރާމެވެ.