
ފުރާޅެއްގެ މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށް އެމްޑީޕީން ގޮވާލައިފި
ފުރާޅެއްގެ މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށް ފުލުހުންނަށް, އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ގޮވާލާފައި ވަނީ ފުލުހުންގެ މެދުގައި އޮންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ތުހުމަތުވާ ފަރާތްތަކާމެދު އަމަލުކޮށް, މިނިވަން ތަހުގީގެއް ހިންގުމަށެވެ. އެމްޑީޕީން މިފަދައިން ގޮވާލާފައި މިވަނީ އެމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ގޮތާއި, ޚާއްޞަކޮށް ރެކޯޑް ކުރުމުގެ ފުރުޞަތު ނުދީ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ސަބަބުން ފުލުހުންނަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.
އެމްޑީޕީން ބުނީ ހާދިސާގެ ތަހުގީގު ކުރިއަށްގެންދާއިރު މީގެކުރިން އަމަލުކޮށްފައިވާ ބައެއް އުސޫލުތަކާއި, ހިލާފަށް ފުލުހުން އަމަލުކުރަމުންދާކަން ރާއްޖޭގެ މީޑިޔާއަކަށް މައުލޫމާތު ދެމުން އާއިލާއިން ފާހަގަކޮށްފައިވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. މިހާދިސާގެ ތަހުގީގު އާއްމު އުސޫލުން ބޭރުން ހާއްސަ ގޮތަކުން ފުލުހުން އަމަލުކުރަމުންދާކަމުގެ ތުހުމަތު ކުރެވޭތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހާދިސާއާ ގުޅޭ ބައެއް މައުލޫމާތު ހިފަހައްޓާ ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނިޔާ ލިބުނު ޒުވާނާގެ މައުލޫމާތު ހާމަކޮށްފައި ވުމަކީ ފުލުހުންގެ އިދާރާގެ ފަރާތުން ފެނިގެންދިޔަ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
" މިފަދަ ގޮތަކަށް އަމަލުކުރުމަކީ އިންސާފް ލިބުމަށް އޮތް ހުރަހެއް ކަމުގައި މިޕާޓީން ދެކެމެވެ" ބަޔާނުގައި ބުނެފައިވެއެވެ.
އެޒުވާނާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ޒުވާން ގެއެއްގް 9 ވަނަ ފަންގިފިލާއިން ވެއްޓިފައި އޮއްވާ ފެނުނީ ޖެހިގެން ހުރި ގެއެއްގެ ފުރާޅު މައްޗަށެވެ. ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ.
ފުލުހުންގެ ތަހުގީގާމެދު ހިތްހަމަ ނުޖެހި އެމްޑީޕީން އިސްވެ ދަނީ މަގުމަތީގައިވެސް އަޑު އުފުލަމުންނެވެ.
ރިއެކްޝަންސް






