
6.2 މެގްނިޓިއުޑް ގެ ބިންހެލުމަކާއެކު ތުރުކިޔޭ ގެ އިސްތަންބޫލް ހާސްކަމެއްގައި
ތުރުކިޔޭ އަށް މިއަދު އަދި ބާރުގަދަ ބިން ހެލުމަކާއި އެކު އިމާރާތްތަކަށް އައި ލޮޅުންތަކާއެކު ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. ތުރުކިޔޭގެ ޑިސާސްޓަރ އެންޑް އިމަރޖެންސީ އޮތޯރިޓީން ބުނި ގޮތުގައި ބިންހެލުމުގެ ބާރުމިން ފުރަތަމަ ރެކްޑް ކުރެވިފައިވަނީ 6.2 މެގްނިޓިއުޑް ގައެވެ.
ޖާމަން ރިސާޗް ސެންޓަރ ފޮރ ޖިއޯސައިންސްއިން ބުނެފައިވާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު (6.21 މޭލު) އަޑިއަށެވެ.
ބިން ހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިސްތަންބޫލްގެ ސިލްވްރީ އޭރިއާގެ މަރްމާވާ އައްސޭރި ފަށަށެވެ. ނަމަވެސް ކައިރި އެހެން ޕްރޮވިންސެއް ކަމަށްވާ އިސްތަންބޫލް އާ 340 މޭލު ދުރުގައި އޮންނަ އިޒްމިރް އަށްވެސް ކޮށްފައި ވެއެވެ. އަދި ފުރަތަމަ ހެލުމަށްފަހު 3.5 އާ 5.9 އާ ދެމެދުގެ ބާރިމިނުގައި އިތުރު ހެލުންތައްވެސް ރެކޯޑްކުރެވިފައި ވެއެވެ.
ބިންހެލުމާއި އެކު އިމާރާތްތައް ވަރަށް ބޮޑަށް ހެލޭތަން ފެންނަ ވީޑިއޯތައް ދައުރުވަމުން ދާއިރު މީހުންވަނީ އިމާރާތްތަކުން ނިކުމެ މަގުތައް ފުރާލާފައެވެ.
ނަމަވެސް ތުރުކިޔޭގެ އިންޓީރިއާ މިނިސްޓަރ އަލީ ޔާލިކަޔާ އެޤައުމުގެ ޤައުމީ ޓީވީގައި ބުނެފައިވަނީ ހާދިސާއާ ގުޅިގެން އެއްވެސް އިމާރާތެއް ވެއްޓުނު ކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައި ނުވާކަމުގައެވެ. ތުރުކިޔޭގެ ގަޑިން 10:50 ހާއިރު އައި މި ބިންހެލުމުގައި މީހަކު މަރުވެފައި ނުވި ނަމަވެސް އެކަކު ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެއީ ފުރަތަމ ހެލުމާއި އެކު އޭނާ ހުރި އިމާރާތުގެ ބެލްކަނިން ފުންމާލި މީހެއްކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ. މީގެ އިތުރުން ބިރުވެރި ކަމުގައި ކޮޅުކޮޅަށް ދުވުމުގެ ތެރޭގައި 150 މީހަކަށް އެކިވަރުގެ އަނިޔާވެފައި ވާކަމުގެ މައުލޫމާތު ލިބެއެވެ.
ބިންހެލުމުގެ އަސަރު އަވައްޓެރި ބަލްގޭރިއާ, ރޮމޭނިއާ އަދި ގްރީސްއަށްވެސް ވެސް ކޮށްފައިވާ ކަމަށް ހަބަރު ފަތުރާ ވަސީލަތް ތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ރިއެކްޝަންސް






