ފަރު ހިއްކައިގެން ބްރިޖް އަޅާ ވާހަކައަކީ ދޮގެއް: މެންބަރު އިސްމާއީލް ނިޒާރު

ފަރު ހިއްކައިގެން ބްރިޖް އަޅާ ވާހަކައަކީ ދޮގެއް: މެންބަރު އިސްމާއީލް ނިޒާރު

1 hour ago - 22:29

އައްޑޫ ސިޓީގެ ފަރު ހިއްކައިގެން ބްރިޖެއް ނުވަތަ ފާލަމެއް އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެއެވެ.


މެންބަރު ނިޒާރު މިހެން ވިދާޅުވީ، އައްޑޫގައި ފަރު ހިއްކައިގެން ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ބްރިޖް އެޅޭނީ ރައްޔިތުން މަރާފައި ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މީޑިއާއަކަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.


މޭޔަރު އަލީ ނިޒާރު ދެއްވި އިންޓަވިއުގައި ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރުން މިހާރު އަޅަން އުޅެނީ ބްރިޖެއް ނޫނެވެ. އެއީ ވެލި އަޅައިގެން މުޅި އައްޑޫގެ ތިމާވެށި ހަލާކުކޮށްލަން އުޅޭ ފާލަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މޭޔަރު ފާހަގަކުރެއްވި ގޮތުގައި، ހިތަދޫ ކަނޑިހެރައިން ފެށިގެން ހުޅުމީދޫއާ ދޭތެރޭގައި އޮންނަ ދެ ކަނޑުއޮޅިއާ ހިސާބަށް ފަރުމައްޗަށް ވެލި އަޅައިގެން ހިއްކަން ސަރުކާރުން ޕްލޭން ކޮށްފައިވާ އިރު، ހިތަދޫ ފަޅުތެރެއިން ބްރިޖުގެ ކޯޒްވޭގެ 90 އިންސައްތަ ހިމެނެނީ ފަރުމަތީގައެވެ.


މި ވާހަކަތަކަށް ރައްދު ދެއްވަމުން މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވީ، ސަރުކާރުން ފަރު ހިއްކައިގެން މަޝްރޫއު ކުރިއަށްގެންދަން ނޫޅޭ ކަމަށެވެ. އަދި ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމުގެ ބްރިޖާ ގުޅޭ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލު މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި ހިއްސާކޮށްފައިވާނެ ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. އޭގެ ފަހުން ބަދަލުކުރެވުނު ސިޓީތަކުގައި ވެސް އެ މަޢުލޫމާތު ހިއްސާކުރެވިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


"ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ޒިންމާދާރު އެކި ފަރާތްތަކުން ވާހަކަ ފަތުރަނީ ސަރުކާރުން ރާވައި ހިންގާ ކަންކަމަށް ހުރަސް އަޅައި ރައްޔިތުންގެ މެދުގައި މަސްލަހަތު ނަގާލަން،" މެންބަރު ނިޒާރު ވިދާޅުވިއެވެ.


އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫ މީދޫ ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއުގެ ދަށުން ސަރުކާރުން މިހާތަނަށް ވަނީ މަޝްރޫއުގެ ސާވޭތައް ކުރުމަށާއި، ޑިޒައިން އަދި ޓެންޑަރިން މަސައްކަތްތަކަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ހޯދުމަށް ޗައިނާގެ ކުންފުންޏަކާ އެކު 1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.


މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ތިން ޑިޒައިނެއް ތައްޔާރުކޮށް، އެ ތިން އޮޕްޝަންގެ ފީސިބިލިޓީ ރިޕޯޓް ސަރުކާރަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ ހުށަހެޅޭ ޑިޒައިންތަކުގެ ތެރެއިން އެންމެ އެކަށީގެންވާ އެއް ޑިޒައިން އިހްތިޔާރުކޮށް، ކޮންސްޓްރަކްޝަން އެގްރީމަންޓް ހަދައި، އަމަލީ މަސައްކަތް އަވަހަށް ފެށުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow