ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި- ނަޝީދު
ކުރީގެ ރައީސް ނަޝީދު ދެ އަހަރަށްފަހު އެމްޑީޕީ ޕޯޑިއަމްގައި ވާހަކަދައްކަވަނީ: ފޮޓޯ-އެމްޑީޕީ

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި- ނަޝީދު

2 months ago - 22:20
Jun 23, 2025 - 22:20

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ކަމަށް ކުރީގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީއާ ދެވަނަ ފަހަރަށް ގުޅިވަޑައިގެން ދެއްކެވި ވާހަކައިގައި ނަޝީދު ވިދާޅުވީ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަންޏާއި, ސަރުކާރުގެ ދަރަނި ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ދަރާފަވާ ދަރަންޏަކީވެސް ބޮޑު ގޮންޖެހުމެއްކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަނި މިހާރު ހުރީ އަޅުގަނޑުމެންގެ އުފެއްދުންތެރިކަމުގެ %120 ގައި ކަމަށެވެ. އަންނަ އަހަރު 1.2 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭކަން ފާހަގަކުރައްވާ ނަޝީދު ވަނީ އެފައިސާ ރައްކާކޮށްފައި ބެހެއްޓިފައި ހުރިތޯ ސުވާލު އުފައްދަވާފައެވެ. އަންނަ އަހަރަށް އަޅާއިރު ދަރަނި ދައްކާނެ ގޮތެއް ހޯދަންޖެހޭ ކަމަށާއި, އެހެންނަމަވެސް ފެންނަނީ ޑޮލަރުގެ އަގު ބޮޑުވެ, ތަކެތީގެ އަގުވެސް އިންތިހާއަށް އަރައިގެން ގޮސް ރައްޔިތުންގެ ހާލަތު ދަށަށްދާތަންކަމަށް ވިދާޅުވިއެވެ.

މިސާލު ޖައްސަވަމުން ވިދާޅުވީ އިއްޔެ ބާޒާރަށް ގޮސް 300 ރުފިޔާއަށް ފަރުޖެހުނަސް މިއަދު 500 ރުފިޔާއިންވެސް ފަރު ނުޖެހޭ ކަމަށެވެ. ސަރުކާރަށް ފާޑުވިދާޅުވަމުން, ވިދާޅުވީ ސަރުކާރުން ހަމައެކަނި ކުރައްވާ ކަމަކީ މުސާރަ ދިނުން ކަމަށެވެ.

"އިގްތިސާދަށް ނިކުންނާނެ ފައިސާއެއް ނެތް. އިގްތިސާދު އެނބުރޭނެ ގޮތެއް ނެތް. އިގްތިޞާދު ކުރިއަރާ ދެވޭނޭ ގޮތެއްވެސް ނެތް." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަޅުގަނޑުމެންގެ ޢާއްމު ހާލަތު އަޅުގަނޑުމެން އެބަ ހޯދާން ޖެހޭ ކަމަށާއި, އެމްޑީޕީއަކީ ރައްޔިތުންގެ ސަލާމަތް އަބަދުވެސް ހޯދައިދޭނެ ޕާޓީ ކަމަށެވެ. އެމްޑީޕީއަށް ދަރަނި އަލުން އަނބުރާ އެކުލަވާން އަދި ދަރަނި ދައްކާނެ ގޮތްވެސް އިނގޭ ކަމަށް ވިދާޅުވިއެވެ. ދަރަނި ދެއްކުމުގެ އިތުރުން ރައްޔިތުންގެ ޢާއްމު ހާލަތު ރަނގަޅު ކުރަން ކުރަންޖެހޭ ކަންތައްވެސް އިނގޭ ކަމަށް ވިދާޅުވިއެވެ.

"މިޕާޓީއަކީ ހިސާބު ޖަހާ ޕާޓީއެއް. މިޕާޓީއަކީ ރަނުން ރަނަށް މިން އަޅާ ޕާޓީއެއް. މިޕާޓީއަކީ ދެން ވާން އުޅޭގޮތް ދެނެގަންނަ ޕާޓީއެއް. މިޕާޓީއަކީ ތިޔަބޭފުޅުންނަށް ހެޔޮ ރަނގަޅު ގޮތް ފޯރުކޮށްދޭނެ ޕާޓީއެއް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގައުމެއް ބަދަލުކޮށްލަން, ރައްޔިތަކަށް ހެވެއް ހޯދައިދޭކަށް މިނޫން ޕާޓީއެއް އޭޝިޔާ ތެރެއަކުވެސް ނެތް ކަމަށެވެ.

އެމްޑީޕީއަށް އަލުން ގުޅިވަޑައިގަތުމަށް އިޝާރާތްކުރައްވާ ވިދާޅުވީ އިންތިހާއަށް އުފާވާ ކަމަށެވެ. އަލުން އަނބުރާ ރަށަށް އާދެވުމުން, ގެއަށް އާދެވުމުން ވާއުފާވާ ކަމަށާއި, އެލިބޭ ހިތްހަމަޖެހުން, އެއަންނަ ހިނި ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ނަޝީދު އެމަނިކުފާނުގެ ގާތް ބޭފުޅުންނާއެކު އެމްޑީޕީ ދޫކުރައްވާ ވަޑައިގެންނެވީ ވަރަށް ބޮޑަށް ވިދާޅުވަމުންނެވެ. އަދި މިދިޔަ ދެ އަހަރުވެސް ތަކުރާރުކޮށް ފާޑުވިދާޅުވަމުން ގެންދެވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow