އަމިއްލަ ގޮތުން ވާދަކުރައްވާ އިބްރާހީމް އަބޫބަކުރުގެ ތާއީދު، ޕީއެންސީގެ ކެންޑިޑޭޓް ޢަރީޝްއަށް!
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި އިބްރާހިމް އަބޫބަކުރު، އޭނާގެ ތާއީދު އެ ދާއިރާއަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރައްވާ މުޙައްމަދު ޢަރީޝްއަށް ދެއްވުމަށް ނިންމަވައިފިއެވެ.
މިކަން ހާމަކުރެއްވީ ކޮންގްރެސް ޕާޓީން މިއަދު މާފަންނު ހުޅަނގު ދާއިރާގައި ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިންނެވެ.
ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ހުންނަވައި އިބްރާހިމް އަބޫބަކުރު ވިދާޅުވީ، އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރިން ނިންމެވި ނިންމެވުން މިހާރު ބަދަލުކުރައްވާފައިވާ ކަމަށެވެ. އަދި ޕާޓީގެ މަސްލަހަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އިބްރާހިމް އަބޫބަކުރަކީ މިހާރުވެސް އެ ދާއިރާގެ ކައުންސިލަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
މި އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ މުޙައްމަދު ޢަރީޝްއަކީ މިހާރު މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރުގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުވެސް މެއެވެ.
އިބްރާހިމް އަބޫބަކުރުގެ މި ނިންމެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެއީ ޕާޓީގެ ކުރިއެރުމަށާއި އެއްބައިވަންތަކަމަށްޓަކައި ނިންމެވި ވަރަށް މުހިންމު ނިންމެވުމެއްކަން ފާހަގަކުރައްވައި އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ.
ރިއެކްޝަންސް



