މި ސަރުކާރަށް ގޮތް ހުސްނުވާނެ، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ދެމިއޮންނާނެ: މެންބަރު އިއްބެ

މި ސަރުކާރަށް ގޮތް ހުސްނުވާނެ، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ދެމިއޮންނާނެ: މެންބަރު އިއްބެ

2 days ago - 14:58

ދިވެހި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި މި ސަރުކާރު ދެމިއޮންނާނެ ކަމަށާއި، ސަރުކާރަށް ގޮތް ހުސްނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން (އިއްބެ) ވިދާޅުވެއްޖެއެވެ.


އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތަކާ ގުޅޭގޮތުން "މެންދުރު ޓީވީ" ގެ "މައުޟޫއު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެންބަރު އިއްބެ ވިދާޅުވީ، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި ބަދަލު ގެނައުމުގެ އިޚުތިޔާރު އޮންނާނެ ކަމަށެވެ. އަދި ސަރުކާރުގެ ވުޒާރާތަކުން ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިދޭންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


މެންބަރު އިއްބެ އިތުރަށް ވިދާޅުވީ، ރައްޔިތުން މިއަދު ބޭނުންވަނީ ދައުލަތުގެ ޚަރަދުތައް ކުޑަ ނިޒާމެއް ކަމަށެވެ. އެގޮތުން ވަޒީރުންގެ މަޖިލީހަށް މިއަދު ގެނެވުނު ބަދަލާއެކު، ޚަރަދުކުޑަ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގުމުގެ މަސައްކަތް ހަރުދަނާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


"ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތް ސަތޭކަ ޕަސެންޓް ޔަގީންކޮށް، ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުން. ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ސަރުކާރު ދެމިއޮންނާނެ، މި ސަރުކާރަށް ގޮތެއް ހުހެއް ނުވާނެ،" މެންބަރު ވިދާޅުވިއެވެ.

ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަނީ 15 އަށް މަދުކުރައްވާފައެވެ.

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ނިންމެވުމާ ގުޅިގެން ވަޒީރުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބައި ވަޒީރުން ވަނީ މިހާރު މަގާމުން އިސްތިއުފާ ދެއްވާފައެވެ. ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިއެވެ.

މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އިތުރު ހަލުވިކަމެއް ގެނައުމަށާއި، ދައުލަތުގެ އިދާރީ އޮނިގަނޑު މިހާރަށްވުރެ ހަރުދަނާ ކުރުމަށް ނިންމެވި ނިންމެވުމެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ބަދަލާ އެކު، ސަރުކާރުގެ ވުޒާރާތައް އެއްކޮށްލުމާއި، މަސައްކަތްތައް ތަރުތީބުކުރުމުގެ އައު އޮނިގަނޑެއް އެކުލަވައިލެވޭނެއެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުއްވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

 

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow