ދެ ޤައުމަކަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުންނަށް މަޖިލީހުން ރުހުން ދީފި
އާޖެންޓީނާ އަދި ބޮސްނިއާ އެންޑް ހެރްޒެގޮވީނާއަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ދެ މަގާމަށް ބޭފުޅުން އައްޔަންކުރުމަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ މިއަދު ބޭއްވި ޖަލްސާގައެވެ.
އާޖެންޓީނާގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރުމަށް ފެންނަ ކަމަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
ޑރ. އަލީ ނަސީރަކީ ޑިޕްލޮމެޓިކް ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ، ޚާރިޖީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. 1985 ވަނަ އަހަރުން ފެށިގެން މި ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަލީ ނަސީރު ވަނީ މީގެ ކުރިން ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމުގެ އިތުރުން، އެމެރިކާ އާއި ކެނެޑާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީގެ މަލްޓިލެޓަރަލް ސެކްރެޓަރީގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
ބޮސްނިއާ އެންޑް ހެރްޒެގޮވީނާގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް ރުހުން ދީފައިވަނީ މިހާރު ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު އައިޝަތު ޝާން ޝާކިރުއަށެވެ. ޝާން އެ މަގާމަށް އައްޔަންކުރުމަށް ފާސްވީ 54 މެންބަރުންގެ ވޯޓުންނެވެ. ޝާން ޝާކިރަކީވެސް ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމާއި، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަމުގެ އިތުރުން ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ދެ ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވީ މިއަހަރުގެ މާޗް މަހުގެ އަށްވަނަ ދުވަހުގައެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ރިއެކްޝަންސް





