ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު ސިފައިންނާ ހަވާލުކޮށްފި
ތުރުކީވިލާތުން މަނަވަރު ހަދިޔާކުރަނީ: ފޮޓޯ-ރައީސް އޮފީސް

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު ސިފައިންނާ ހަވާލުކޮށްފި

4 hours ago - 00:15
Aug 16, 2025 - 00:31
Advertisement
Advertisement

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު ދިވެހިރާއްޖޭގެ ދިފާއީ ބާރާ ހަވާލުކޮށްފިއެވެ. މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ މަނަވަރަށް ކިޔާ ދިވެހި ނަން ކަޝްފުކޮށްދެއްވިއެވެ. މި މަނަވަރު ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ ޚިދުމަތަށް ނެރެވާފައިވަނީ "ކޯސްޓްގާޑް ޝިޕް ދަރުމަވަންތަ" ގެ ނަމުގައެވެ.

ހުޅުމާލޭ އެމްޕީއެލް ޕޯޓްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރެއްވި، މި އުޅަނދު ކަމިޝަންކޮށްދެއްވައި ޚިދުމަތަށް ނެރެދެއްވުމުގެ ގޮތުން، އުޅަނދުގެ ނަންބޯޑު ކަޘްފްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު އެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޚިދުމަތް ފެށުމުގެ ލިޔުމާއި، އެ އުޅަނދުގައި ނެގުމަށް ދިވެހި ދިދަ، އެ އުޅަނދުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް ޙަސަން ޝިނާންއާ ޙަވާލުކޮށް ދެއްވާފައެވެ.

މަނަވަރު ކަމިޝަންކޮށް ޚިދުމަތް ފެށުމުގެ ގޮތުން ކަނޑުމަތީގެ ސިފައިންގެ އާދަކާދަތަކާ އެއްގޮތަށް އުޅަނދުގެ ކުރީކޮޅުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އަދި ފަހަތުކޮޅުގައި ސިފައިންގެ ދިދަ ނަގައި، މަނަވަރުގައި ކަމިޝަނިންގ ޕެނަންޓް ވަނީ ބަހައްޓާފައެވެ. އަދި، ދިދަބިސީން، މަނަވަރުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނެގުމާ އެކު، ދިދައަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ރަސްމީ ކުރުނީހެއް އަރުވައި، ޤައުމީ ސަލާމް ކުޅުނެވެ.

Advertisement
Advertisement

މި އުޅަނދަކީ، ކުރިން ތުރުކީވިލާތު ނޭވީން، "ޓީސީޖީ ވޮލްކަން"ގެ ނަމުގައި ބޭނުން ކުރަމުން ދިޔަ އުޅަނދެކެވެ.

މި މަނަވަރަކީ، ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ބާރުގެ އަރުމާދަށް މިހާތަނަށް ގެނެވުނު އެންމެ ބޮޑު މަނަވަރެވެ. މި މަނަވަރަށް ދެވިފައިވާ "ދަރުމަވަންތަ" ނަން ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ސިރީ ތިރިބުވަނަ އާދީއްތަ މަހާރަދުން ނުވަތަ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅަށެވެ.

މި އުޅަނދަކީ، ވެޕަން މެނޭޖްމެންޓް ސިސްޓަމްތަކާއި، ފަޔަރ ކޮންޓްރޯލް ރާޑަރާ އެކު އިންޓެގްރޭޓް ކުރެވިފައިވާ އަދި ޒަމާނީ އެހެނިހެން ވަސީލަތްތައް ވެސް ޤާއިމުކުރެވިފައިވާ އުޅަނދެކެވެ. އަސްކަރީ މި ޤާބިލުކަމާ މި އުޅަނދުގެ ހަލުވި ދުވެލީގެ ސަބަބުން މި އުޅަނދު ވެގެންދާނީ ދިވެހި އަސްކަރިއްޔާއާ ހަވާލުކުރައްވާފައިވާ ދައުރާއި މަސްއޫލިއްޔަތު އަދާކުރުމުގައި، ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ބާރުކަމުގައިވާ އެމްއެންޑީއެފް ކޯސްޓްގާޑުން ދިވެހިރާއްޖޭގެ ސަރަޙައްދާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބަލަހައްޓައި ފާރަވެރިވެ ދެމިތިބުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އަދި ދިވެހީންގެ ރާއްޖެއާއި ދިވެހި ޤައުމު ދިފާޢުކޮށް ދެމެހެއްޓުމަށް ރުކުރުވާލެވިފައިވާ ދިވެހި ސިފައިންގެ ކަނޑުގެ އަސްކަރީ އަރުމާދަށް ލިބިގެންދާ ވަރަށް ފުރިހަމަ އަދި އެހާމެ ވަރުގަދަ ދިފާޢީ އައްޑަނައަކަށް ކަމަށްވެސް ގައުމީ ދިފާއީ ބާރުން ވިދާޅުވިއެވެ.

މި ރަސްމިއްޔާތަށް ފަހު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ މަނަވަރަށް އަރާވަޑައިގެން މަނަވަރު ބައްލަވާލައްވައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ވަނީ ސޮއިކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement