
ކައްދޫ އެއަޕޯރޓް ކައިރިން ހިނގި އެކްސިޑެންޓްގައި އަނިޔާވި އުމުރުން ދުވަސްވީ އަންހެނަކު މަރުވެއްޖެ
ކައްދޫ އެއަޕޯރޓް ކައިރިން ހިނގި އެކްސިޑެންޓްގައި އަނިޔާވި އުމުރުން ދުވަސްވީ އަންހެނަކު މަރުވެއްޖެއެވެ.
މިރޭ އިރާކޮޅު ހިނގި އެކްސިޑެންޓާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވީ 64 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަންހެން މީހާ މަރުވީ ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އަނިޔާވި މީހާއަކީ ކައްދޫ އެއަޕޯރޓަށް ދާން ޒިބްރާ ކްރޮސްއިން ހުރަސްކުރަމުން ދިޔަ މީހެކެވެ. އޭނާއާއެކު އިތުރު އަންހެނަކުންވެސް ޒިބްރާ ކްރޮސްއިން ހުރަސް ކުރަނިކޮށް ސައިކަލުން ޖެހި އަނިޔާވިއެވެ.
އެކްސިޑެންޓް ހިނގީ ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލަކުން ޖެހިއެވެ. ސައިކަލްގައި ތިބި ދެ މީހުންނަށްވެސް އަނިޔާވި ހޮސްޕިޓަލުން ފަރުވާ ދިން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.
ރިއެކްޝަންސް






