
ޕޮލިސްޓިކަލީ ސޭފް ސައިޑަށްވުރެ އަޅުގަނޑަށް މުހިއްމީ ގައުމު- ރައީސް ޑރ.މުހައްމަދު މުއިއްޒު
ޕޮލިސްޓިކަލީ ސޭފް ސައިޑަށްވުރެ މުހިއްމީ ގައުމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުނީ ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅާ ބިލް ތަސްދީޤު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިވީހާތަނަށް ސަރުކާރުތަކުން އިސްކުރީ ޕޮލިޓިކަލީ ސޭފް ސައިޑްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަށް މުހިއްމީ ގައުމު ކަމަށެވެ. ދުންފަތް ހުއްޓުވުންފަދަ ކަންކަމަށް މިދިޔަ ސަރުކާރުތަކުން އިސްކަމެއް ނުދެއްވިކަން ފާހަގަކުރައްވާ ވިދާޅުވީ މިސަރުކާރުގައި އެފަދަ ކަންކަން ކުރުމުގެ ހިތްވަރު ހުރި ކަމަށެވެ.
ރައީސް ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރާނީ ގައުމު އިސްކޮށްގެން, ގައުމުގެ ރައްޔުތުންނަށް ހެވާލާބަ އެދިގެން އިހުލާސްތެރިކަމާއެކު ކަމަށެވެ. އެމަނިކުފާނަށް މުހިއްމީ ހަގީގީ ހައްލު ގެނެސްދޭން ކަމަށާއި, އެކަމުގެ ސަބަބުން ހިތްހަމަނުޖެހޭ ބަޔަކު ތިބިކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑާ ދޭތެރޭގައި މިކަމާ ހިތްހަމަ ނުޖެހޭ މީހުން އެބަތިބި, ޚާއްޞަކޮށް ދުންފަތުގެ ތަކެތި ވިއްކާ ފަރާތްތައް, ވަރަށް ހިތްހަމަ ނުޖެހިފަ ތިބީ. އަޅުގަނޑުގެ ފަރުވާލެއްނެތް.
އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާނީ ހަމަ ތިޔަބޭފުޅުންނަށްވެސް ރަނގަޅު ގޮތަކީ މިއީއޭ, ތިޔަ ވިޔަފާރިއާ ދުރަށް ވަޑައިގަންނަވާށޭ. އެހެން ވިޔަފާރިއަކަށް ބަދަލުވެލައްވާށޭ. ދުންފަތުގެ ވިޔަފާރިއަކީ މިގައުމުގައި އަޅުގަނޑު ތަރުހީބުދޭ ވިޔަފާރިއެއްނޫން." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުންފަތުން ދުރުވުމުމަކީ ފަސްލައްކައެއްހާ މީހުންގެ އާބާދީ ހިމެނޭ ގައުމަށް, މުސްތަގުބަލަށް ކޮށްދެއްވޭ ވަރަށްބޮޑު ކަމެއް ކަމަށެވެ. އެކަން ކޮށްދިނުމުގައި އެންމެންގެ އެއްބާރުލުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ވިދާޅުވީ މިކަމުގައި މުޅި މުޖުތަމައު ބައިވެރިވެއްޖެނަމަ އަޅުގަނޑުމެންގެ މުސްތަޤްބަލް ސަލާމަތްކުރެވުނީ ކަމަށެވެ.
އިސްލާހުތަކާއެކު ބިލް ތަސްދީޤުކުރެއްވުމުން 2007 ވަނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުގެ ފަހުން އުފަންވާ, އަދި އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ވާނެއެވެ. ނަމަވެސް ޤާނޫނަށް އަމަލުކުރަން ފަށާނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.
ރިއެކްޝަންސް






