
އިހަވަންދޫގައި ޑައިލިސިސްގެ ޚިދުމަތް ފަސްޓްލޭޑީ ރަސްމީކޮށް ފަށްޓަވައިދެއްވައިފި
ހއ. އިހަވަންދޫގެ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދެވެ.
ތިން އެނދުގެ ޔުނިޓަކާއެކު ފެށި މި ޚިދުމަތުގެ ތެރެއިން އެއް އެނދު ޚާއްސަކޮށްފައިވަނީ ބަލިމީހުން އައިސޮލޭޓްކޮށްގެން ފަރުވާދިނުމަށެވެ. މިއީ އިހަވަންދޫގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ރައީސް މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދެއް ފުރިހަމަވެގެން ދިއުމެވެ.
މި ޚިދުމަތް ފައްޓަވައި ދެއްވުމަށްފަހު ފަސްޓްލޭޑީ ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން ބަލިމީހުންނަށް ލުއިފަސޭހަވެ، ޚިދުމަތް ލިބުމުގެ މަގު ކުރުވެގެންދާނެ ކަމަށެވެ. ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވީ އިތުރު 9 ޞިއްޙީ މަރުކަޒެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށިގެންދާނެ ކަމަށެވެ.
އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ ލެވެލް 4 ގެ ސިއްޙީ މަރުކަޒެކެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގައި ހަމައެކަނި ދިވެހި ނަރުހުން މަސައްކަތްކުރާ މަދު ސިއްޙީ މަރުކަޒުތަކުގެ ތެރެއިން އެއް މަރުކަޒެވެ.
އިހަވަންދޫގައި ޑައިލިސިސްގެ ޚިދުމަތް ފަށާފައިވާ އިރު ދާދި ފަހަކުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވަނީ އެމްއާރުއައިގެ ޚިދުމަތްވެސް ފަށާފައެވެ.
ރިއެކްޝަންސް






