މިހަފުތާގައި ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް ފަށަނީ
ޒަމާނީ ފެންވަރަށް ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ބާޒާރުމަތި ހިމެނޭ ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ޒަމާނީ ފެންވަރަށް ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށްވަނީ ނިންމައި ހުޅުވާލާފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. ލޯކަލް މާރުކެޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީކުރަމުންނެވެ.
މި މަސައްކަތާއި ގުޅިގެން އެމްޓީސީސީ އިން ބުނީ ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތި ހިމެނޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތުގެ 87 އިންސައްތަ ނިމިފައިވާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމައި، އެ ސަރަޙައްދު އާންމުންނަށް ހުޅުވާލުމަށް އެމްޓީސީސީން ދަނީ ހަލުވިކަމާއެކު މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢު ނިމުމާއެކު، ރަމަޟާން މަހު އާންމުކޮށް ބާރުބޮޑުވާ ބާޒާރުމަތީގެ ސަރަޙައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރިއެކްޝަންސް









