ރަސްމާލެ މަޝްރޫއާއެކު ރާއްޖެއަށް 40،000 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ: އަލްއައްބާރު
ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ 20 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުގެ އިމާރާތްކުރުމުގެ މަރުހަލާގައި، ރާއްޖެއަށް މުޅިން އަލަށް 40,000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލީ އަލްއައްބާރު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު "ސަން އޮންލައިން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަލްއައްބާރު ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ މި ބިޔަ މަޝްރޫއުގެ ސަބަބުން ކޮންސްޓްރަކްޝަން މަރުހަލާގައި އުފެދޭ 40،000 ވަޒީފާގެ އިތުރުން، 15،000 އާއި 18،000 އާ ދެމެދުގެ އަދަދަކަށް ދާއިމީ ވަޒީފާ ވެސް އުފެދިގެންދާނެ ކަމަށެވެ.
މި ދާއިމީ ވަޒީފާތައް އުފެދޭނީ އެ ސަރަހައްދުގައި ގާއިމުކުރާ މީހުން ދިރިއުޅޭ އިމާރާތްތަކާއި، ފަތުރުވެރިކަމުގެ ހޮޓާތަކާއި، ވިޔަފާރި މަރުކަޒުތަކުގެ އިތުރުން ޕާކުތަކާއި ސްކޫލްތައް ފަދަ އިޖުތިމާއީ ވަސީލަތްތަކުންނެވެ. އަދި އީގަލް ހިލްސްގެ މަޝްރޫއުތަކަކީ ފެންވަރު ރަނގަޅު ތަންތަން ކަމަށްވާތީ، މުސާރައިގެ އޮނިގަނޑު ވެސް އެހެން ތަންތަނަށް ވުރެ ރަނގަޅުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މަސައްކަތް ހިނގަމުންދާ ދުވަސްވަރުގައްޔާއި އޭގެ ފަހުން ވެސް މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ބޮޑެތި ފުރުސަތުތައް ދިވެހި ކުންފުނިތަކަށް ލިބި، ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އަލްއައްބާރު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއަކީ 99 އަހަރުގެ މުއްދަތަކަށް 500 ހެކްޓަރުގެ ބިން ކުއްޔަށް ދީގެން، ދިވެހި ސަރުކާރާއި އީގަލް ހިލްސް ގުޅިގެން ކުރިއަށްގެންދިއުމަށް ހުށަހަޅާފައިވާ މަޝްރޫއެކެވެ. މި އެއްބަސްވުމުގެ ދަށުން 5،000 ހައުސިން ޔުނިޓް އެޅުމަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ފުރަތަމަ ހަރަދުކުރާނީ އެ ކުންފުނިން ކަމަށާއި، އެ އިންވެސްޓްމަންޓް ފަހުން މުޅި މަޝްރޫއުގެ ތެރެއިން އަނބުރާ ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލްއައްބާރު އިތުރަށް ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އަހަރަކު އިތުރު އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި މަޝްރޫއުގެ މުއްދަތުގެ ތެރޭގައި ޓެކުހުގެ ގޮތުގައި ދައުލަތަށް ދެ ބިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް ލިބިގެންދާނެ ކަމަށް ވެސް އަންދާޒާކުރެއްވިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ތަފްސީލީ ޑިޒައިންތަކާއި ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަލާ އެސެސްމެންޓް (އީއައިއޭ) ހަދަންޖެހޭތީ، އިމާރާތްކުރުމުގެ މަސައްކަތް ފެށޭނީ ގާތްގަނޑަކަށް އެއް އަހަރު ފަހުންނެވެ. ނަމަވެސް، މަޝްރޫއުގެ ރަސްމީ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އަލްއައްބާރު ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް





