ށ. ފޯކައިދޫ އަދި މިލަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދަނީ
ށ. ފޯކައިދޫއާއި އެ އަތޮޅު މިލަންދޫގައި ސަރުކާރުން ތަރައްގީކުރަމުންދާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން މުހިންމު ގިނަ މަޝްރޫއުތަކެއް ކުރިއަށްދާއިރު، އެ މަސައްކަތްތައް އަވަސް ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އަތޮޅުތަކުގެ ރަށްރަށުގައި ބިނާކުރާ އިސްލާމީ މަރުކަޒުތައް ހިމެނެއެވެ.
ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރެއްވި ގޮތުގައި، ފޯކައިދޫ އިސްލާމީ މަރުކަޒުގެ ފައުންޑޭޝަން ބީމް ޝަޓަރިންގ އަދި ރީއިންފޯސްމަންޓް މަސައްކަތްތައް މިހާރު ދަނީ ބާރަށް ހިނގަމުންނެވެ. އަދި މިލަންދޫ އިސްލާމީ މަރުކަޒުގެ މުންނާރުގެ ބައެއް މަސައްކަތްތަކާއި، އާރްސީ ވޯލް ފޯމްވަރކް އަދި ރީއިންފޯސްމަންޓް މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދެ ރަށުގައި އިމާރާތްކުރާ މަރުކަޒުތަކަކީ ވެސް ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކުރެވޭ ތަންތަނެވެ. އެގޮތުން ފޯކައިދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމޭއިރު، އެއްފަހަރާ 700 މީހުންނަށް ނަމާދުކުރެވޭނެ ބަޔަކާއި، 300 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލެއް ހިމެނޭނެއެވެ. އަދި މީގެ އިތުރުން ލައިބްރަރީއަކާއި، 4 ކްލާސްރޫމް، އިމާމު ރޫމް، އޮފީސް ބައި އަދި ހިނަވާގެއެއް މި އިމާރާތުގައި ހިމެނެއެވެ.
މިލަންދޫގައި ތަރައްގީކުރާ އިސްލާމީ މަރުކަޒުގައި ވެސް ކޮންފަރެންސް ހޯލަކާއި، ލައިބްރަރީ، 4 ކްލާސްރޫމް، އިމާމު ރޫމް، އޮފީސް ބައި އަދި ހިނަވާގެ ހިމެނެއެވެ. އަދި މި ދެ މަރުކަޒަކީ ވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށްޓަކައި ސޯލާ ސިސްޓަމް ހަރުކޮށް، ފުރިހަމައަށް އޭސީ ކުރެވިގެންދާނެ ދެ އިމާރާތެވެ.
ރިއެކްޝަންސް





